އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި މިރޭ ކުޅުނު މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މެޗުގެ ދެ ގޯލްވެސްް ފެނިގެންދިޔައީ ފުރަތަމަ ހާފްގައެވެ. މިރޭގެ މެޗަކީ ދެޓީމަށްވެސް މުހިއްމު މެޗެކެވެ. ގަދަ ހަތަރެއްގެ ފުރުސަތު ހޯދާ، އަނެއް ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފުޓުބޯޅަ ކުޅުމަށެވެ. މިރޭ ކުރިން އާސެނަލް ކުޅުނު މެޗުން އެޓީމު ބަލިވެފައިވާ އިރު، މެޗުން މޮޅުވުމަށް ދެޓީމަށްވެސް ބޮޑު ހިތްވަރެއް ލިބިގެންދިޔައެވެ.
މިރޭގެ މެޗުން އެއްވަރުވެ، ޗެލްސީއަށް 36 މެޗުން 68 މެޗު ލިބިފައިވާ އިރު، އެޓީމު އޮތީ ހަތަރު ވަނައިގައެވެ. ހަވަނައިގައި ޔުނައިޓެޑް އޮތީ 36 މެޗުން 65 ޕޮއިންޓާއެކުގައެވެ. ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ ދެ މެޗު އޮތް އިރު، އާސެނަލް ފަސްވަނައިގައި އޮތީ 66 ޕޮއިންޓާއެކުގައެވެ.
މެޗު ވަރުގަދަކޮށް ފެށީ ޔުނައިޓެޑުންނެވެ. އެޓީމުން ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން އެޓޭކް ކުރި އިރު، ލުކާކޫއަށް ކުރީކޮޅުގައި ލިބުނު ފުރުސަތަށް ޗެލްސީ ގޯލްކީޕަރު ކެޕާ ހުރަސް އެޅިއެވެ. އޭގެ އިރުކޮޅެއް ފަހުން ލޫކް ޝޯގެ ހުރަސް ގޯލަށް ވައްދާލާ ޔުނައިޓެޑަށް ލީޑު ނަގައިދިނީ ހުއާން މާޓާއެވެ. އެ ގޯލަށްފަހު ޔުނައިޓެޑުން ހަމަޖެހިލައިގެން ކުޅުނު ނަމަވެސް، އެޓީމަށް މާޔޫސްކަން ގެނުވީ ޑޭވިޑް ޑެހެއާގެ ގޯހަކުން ޗެލްސީން ނަތީޖާ ހަމަހަމަ ކުރުމުންނެވެ.
މާކަސް އެލޯންސޯގެ ގޯލާއެކު ޗެލްސީން ނަތީޖާ ހަމަހަމަ ކުރި އިރު، ދެވަނަ ހާފްގައި ގޯލެއް ފެނިފައެއް ނުވެއެވެ.