ނިމިދިޔަ ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް ބަލިކޮށް، މުބާރާތުގެ ރަން މެޑަލާއި ތަށި ލިވަޕޫލް އަށް ލިބުނު ނަމަވެސް، އެ ކްލަބަށް ކުޅެމުން އަންނަ ސަދިއޯ މާނޭ ބޭނުންވަނީ އެހެން ކަމެއް ކަމަށް އޭނާ ބުނެފިއެވެ.

ސެނެގަލް އަށް ނިސްބަތްވާ މާނޭ ބުނެފައި ވާގޮތުގައި އޭނާ އެންމެ ބޭނުންވަނީ ޤައުމީ ޓީމާއި އެކު އެފްރިކަން ކަޕް އޮފް ނޭޝަންސް ހިއްލާލަން ކަމަށާއި، އެ މުބާރާތުގެ ރަން މެޑަލަށް ޗެމްޕިއަންސް ލީގުގެ މެޑަލް ބަދަލު ކުރެވެން އޮތްނަމަ އެކަންވެސް ކުރާނޭ ކަމަށެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސް މިސްރުގައި ފެށިގެން ކުރިއަށް ދާއިރު، އެ މުބާރާތުގައި ސެނެގަލް އިން ކުޅުނު ފުރަތަމަ މެޗު ޓެންޒޭނިއާ އާއި ވާދަކޮށް 2-0ން މޮޅުވެފައި ވާއިރު، މާނޭ ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކުވާފައިކަން ފާހަގަ ކޮށްލެވެއެވެ.

އުމުރުން 27 އަހަރުގެ މާނޭ އިތުރަށް ބުނެފައި ވަނީ އެ މުބާރާތުގެ ތަށި ސެނެގަލް އަށް ލިބިއްޖެނަމަ، އެއީ ޗެމްޕިއަންސް ލީގު ހިއްލާލުމަށް ވުރެންވެސް ބޮޑު ކާމިޔާބީއެއް ލިބުނީ ކަމަށެވެ.

ސެނެގަލް އަށް މީގެ ކުރިން އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބު ކުރެވިފައި ނުވާއިރު، އެ ޓީމުގެ ކެޕްޓަން މާނޭ ހުރީ އެ ހުވަފެނުގައި ކުލަ ޖެއްސުވުމުގެ އިންތިޒާރުގައި ކެތް މަދުވެފައެވެ.