އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ރަތް ކާޑު ދެއްކި މެޗުން މޮޅުވެ، އާޖެންޓީނާއިން ކޮޕާ އެމެރިކާގެ ތިންވަނަ މަގާމު ހޯދައިފިއެވެ.

އާޖެންޓީނާއިން ތިންވަނަ ހޯދާފައި ވަނީ މިރޭ ކުޅުނު ތިންވަނަ ހޮވުމުގެ މެޗުގައި އެންމެފަހުން ދެއަހަރުގެވެސް ޗެމްޕިއަން ޗިލީ ބަލިކޮށްގެންނެވެ. އާޖެންޓީނާއިން މެޗު ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. އާޖެންޓީނާއިން ސެމީ ފައިނަލްގައި ބްރެޒިލް އަތް ދަށުވި އިރު، ޗިލީން ތިންވަނަ ހޮވާ މެޗަށް އައީ ޕެރީ އަތުން ބަލިވެގެންނެވެ.

މެޗުގެ ނަތީޖާއަށްވުރެ ބޮޑަށް މިރޭގެ މެޗުގެ ސަމާލުކަން ހުއްޓުނީ މެސީއާއި ޗިލީގެ ކެޕްޓަން ގެރީ މެޑަލްއަށް ދެއްކި ރަތްކާޑަށެވެ. ފުރަތަމަ ހާފްގައި ދެ ކުޅުންތެރިން އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިޔަކު ގައިގައި ޖެހިގަނެ، ރޫހާ ހިލާފުވުމުން ރެފްރި ދެ ކުޅުންތެރިންނަށްވެސް ރަތް ކާޑު ދެއްކި އިރު، އެ ރަަތް ކާޑު ވީއޭއާރް ރިވިއުކޮށްވެސް ރެފްރީ ނިންމީ ރަނގަޅު ކަމަށެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ސާޖިއޯ އަގުއޭރޯގެ ގޯލުން އާޖެންޓީނާ ލީޑު ނަގާފައިވާ އިރު، އޭގެ ދިހަ ވަރަކަށް މިނެޓްފަހުން ޕައުލޯ ޑީބާލާގެ ގޯލުން އާޖެންޓީނާއިން ނަތީޖާގެ ފަރަގުވެސް ބޮޑުކުރިއެވެ. މެޑެލްއާއި މެސީގެ ރަތްކާޑު ފެނިގެންދިޔައީ އޭގެ 10 މިނެޓް ފަހުންނެވެ.

ދެވަނަ ހާފްގެ ކުރީކޮޅުގައި ޗިލީގެ އަރުތޫރޯ ވިޑާލް ގޯލެއް ޖެހި ނަމަވެސް، ޗިލީއަށް މެޗުގެ ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވިއެވެ.

މިހާތަނަށް މުބާރާތުގައި އާޖެންޓީނާ ކުޅުނު މެޗުތަކުގައި މެސީއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާ އިރު، ސެމީ ފައިނަލްގައި ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އޭނާ ވަނީ ރެފްރީގެ ޝަކުވާ ވަރަށް ބޮޑަށް ކޮށްފައެވެ. މިރޭގެ މެޗުގައި ރެފްރީ ދެއްކި ރަތްކާޑަށްވެސް ފުޓުބޯޅައިގެ ގިނަ ތަޖުރިބާކާރުން ފާޑު ކިޔާފައިވާ އިރު، ސަޕޯޓަރުންވެސް ވަނީ ނުރުހުން ފާޅު ކުރަމުންނެވެ.

މިރޭ މެސީއަށް ދެއްކި ރަތްކާޑަކީ އޭނާގެ އާޖެންޓީނާ ކެރިއަރުގައި ދެއްކި ދެވަނަ ރަތް ކާޑެވެ. މެސީގެ އާޖެންޓީނާ ކެރިއަރުގައި ދެއްކި ފުރަތަމަ ރަތް ކާޑަކީ 2005 ވަނަ އަހަރު ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑެވެ.

ކޮޕާ އެމެރިކާގެ ފައިނަލް މެޗު މާދަމާ ރޭ އޮންނާނެއެވެ. ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު ބްރެޒިލާއި ޕެރޫއެވެ.