އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުނު މެޗުގައި މުހައްމަދު އިންޝާލް ޖެހި ހަތަރު ގޯލާއެކު ޒެފިއާއިން މައިލޯ ސިޓީ ކަޓުވާލައިފިއެވެ.

އައްޑޫ ހިތަދޫ ދަނޑުގައި މިރޭ ކުޅުނު މެޗު ޒެފިއާއިން ކާމިޔާބުކުރީ 5-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޒެފިއާއިން ވަނީ ކުއާޓާ ފައިނަލްގެ އުންމީދު ބޮޑު ކޮށްފައެވެ.

ގްރޫޕް ޑީގެ އެއްވަނައިގައި އުސްގަނޑަ އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ، ހަ ޕޮއިންޓާ އެކުގައެވެ. ޒެފިއާއިން މިރޭ ހޯދި މޮޅާއެކު ގްރޫޕްގެ ދެވަނައަށް ޖެހިލީ ތިން ޕޮއިންޓާއެކު ފައިދާ ތިން ގޯލާއެކުގައެވެ. އެ ގްރޫޕްގައި ހިމެނޭ ޒެލޯންއަށް އަދި ކުއާޓާގެ ފުރުސަތު އޮތް އިރު، އެޓީމަށް ދެ މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓާއެކު މައިނަސް ހަތަރު ގޯލެވެ.

ވަގުތު ފުޓްސަލް ޗެލެންޖުގައި ޒެފިއާއާއި މައިލޯ ސިޓީ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ރީތި ޕާސިން ކުޅުމެކެވެ. ޒެފިއާއިން މެޗު ވަރުގަދަކޮށް ފެއްޓި އިރު، އެޓީމުން ވަނީ މެޗުގެ ކުރީކޮޅުގައި ލީޑުވެސް ނަގާފައެވެ. މައިލޯ ސިޓީގެ ޑިފެންސް ތެރެއިން ހުސް ޖާގަ ހޯދާ، ޒެފިއާއަށް ލީޑު ނަގައިދިނީ މުހައްމަދު އިންޝާލެވެ.

ޒެފިއާއިން ފުރަތަމަ ކުޅުނު މެޗުގައި އުސްގަނޑަ އަތުން ބަލިވެފައި އޮތް އިރު، އެ މެޗުގައި އެޓީމުގެ ލެޖެންޑަރީ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް މިރޭގެ މެޗުގައި އެޓީމުން ބޮންޑާވެސް ފެނިގެން ގޮސްފައިވެއެވެ. މައިލޯގެ ޓީމުން ފާހަގަކޮށްލެވުނު ކުޅުންތެރިންގެ ތެރޭގައި އަލީ ސިޔާހާއި އިބްރާހީމް ސިމާހް ފާހަގަކޮށްލެވުނެވެ.

ޒެފިއާއިން މެޗުގެ ލީޑު ނެގިފަހުން މައިލޯގެ ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެން ދިޔައެވެ. ސިމާހްގެ ބާރު ހަމަލާއެއް ޒެފިއާ ގޯލްކީޕަރު މުހައްމަދު އަޝްވާން ދިފާއުކުރި އިރު، ސިމާހްގެ ދެވަނަ ހަމަލާފައި އަޝްވާންގެ އާދަޔާ ހިލާފު މޮޅު ސޭވްއެކެވެ. މައިލޯ ސިޓީން ރަނގަޅު އޮއެވަރެއްގައި ކުޅެމުންދިޔަ ނަމަވެސް، އަނެއްކާވެސް ގޯލް ޖެހީ ޒެފިއާއިންނެވެ. އިންޝާލް ޖަހައިދިން ދެވަނަ ގޯލް ވަރަށްވެސް ހިތްގައިމެވެ. ހަމަޖެހިލައިފައި އޭނާ ގޯލްކީޕަރު ބޯމަތިން ބޯޅަ ގޯލަށް އޮއްސާލިއެވެ.

ވަގުތު ފުޓްސަލް ޗެލެންޖުގައި ޒެފިއާއާއި މައިލޯ ސިޓީ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ފުރަތަމަ ހާފްގައި މައިލޯއަށް ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ ލިބުނު ފުރުސަތުތައް ނިންމާނުލެވުމެވެ. ހާއްސަކޮށް ސިޔާހަށް ލިބުނު ރަނުގެ ދެ ފުރުސަތު ފާހަގަކޮށްލެވުނެވެ. އޭނާގެ ފުރަތަމަ ހަމަލާ ގޯލާ އަމާޒުނުވެ ދިޔަ އިރު، ދެވަނަ ހަމަލާ މަތަކުރީ ޒެފިއާ ގޯލްކީޕަރު އަޝްވާނެވެ. އޭގެ ފަހުންވެސް މައިލޯއަށް ހުސް ދެ ފުރުސަތެއް ލިބި ބޭކާރު ވެގެންދިޔައެވެ.

މައިލޯއިންވެސް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި އޮތް އިރު، މިރޭގެ މެޗަކީ މޮޅުވުން މަޖުބޫރު މެޗެކެވެ.

މެޗުގެ ފަހު ހާފްވެސް ފޯރިގަދަކޮށް، ސަޕޯޓަރުންގެ ހަޅޭކުގެ އަޑާއެކު ކުރިއަށް ދިޔަ އިރު، ދެޓީމުންވެސް ކުޅެމުންދިޔައީ ހަލުވި އެޓޭކިން ކުޅުމެކެވެ. ޒެފިއާއިން ބޮޑަށް ކައުންޓާ އެޓޭކަށް ވިސްނައިގެން ކުޅުނު އިރު، މައިލޯއިން ދިޔައީ ކުރިއަށް ޖެހި އެޓޭކަށް ޕުޝް ކުރަމުންނެވެ. މައިލޯއިން ކުރިއަށް ޖެހުނު ނަމަވެސް، އެކަށީގެންވާ ހަމަލާތަކެއް ނުއުފެއްދިގެން އުޅެނިކޮށް ޒެފިއާއިން ތިންވަނަ ގޯލްވެސް ޖެހިއެވެ.

ވަގުތު ފުޓްސަލް ޗެލެންޖުގައި ޒެފިއާއާއި މައިލޯ ސިޓީ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ޒެފިއާގެ ތިންވަނަ ގޯލް ކާމިޔާބު ކޮށްދިނީ މަޖުދާން ސޯލިހެވެ. އެގޯލަށް އިރުކޮޅެއްފަހުންވެސް ސިޔާހްގެ މޮޅު ނައްޓާލުމަކާއެކު މައިލޯއިން ރަނގަޅު ފުރުސަތެއް ތަނަވަސްކުރިއެވެ. އެ ހަމަލާވެސް ޒެފިއާ ކުޅުންތެރިއެއްގެ ފައިގައި ޖެހި ދިޔައީ ގޯލް މަތިން ބޭރަށެވެ. މައިލޯ ސިޓީގެ ހަމަލާތައް ބޭކާރުވުމުގެ ނަތީޖާއަކަށްވީ އަނެއްކާވެސް ޒެފިއާއަށް ލިބުނު ފުރުސަތުގެ ބޭނުން އެޓީމުން ހިފުމެވެ. ރީތި ގޯލަކާއެކު އިންޝާލް އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ.

ފަހު ކޮޅުގައިވެސް މައިލޯއިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތުގެ ހުރަހަކަށްވީ ޒެފިއާގެ ޒުވާން ގޯލްކީޕަރު އަޝްވާނެވެ. ގޯލް ބެލެހެއްޓުމުގައި އަޝްވާން ދެއްކި މޮޅު ކުޅުމަށް އަނެއް ކޮޅުންވެސް ދިޔައީ ޖަވާބު ދެމުންނެވެ. އިންޝާލް އޭނާގެ ހަތަރު ވަނަ ގޯލްވެސް ކާމިޔާބުކޮށް، ނަތީޖާ 5-0 އަކަށް ބަދަލު ކޮށްލިއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އިންޝާލަށް އާގަލާއިން ހުށަހަޅާ ޔުނިކައި ބްރޭންޑްގެ ކިރުޕެކެޓާއި "ވަގުތު"ގެ ޓްރޮފީ ހަވާލު ކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ވަހީދެވެ.

ވަގުތު ފުޓްސަލް ޗެލެންޖުގައި ޒެފިއާއާއި މައިލޯ ސިޓީ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މިމަހުގެ 26 ވަނަ ދުވަހަށް އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ ޔޫރޯ އަންލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.

ކުރިއަށް އޮތް މެޗުގައި ވާދަކުރާނީ އެފްސީ މޫލެކެޑެއާއި ނެކްސަސްއެވެ.