އއ. ހިމަންދޫގައި މިހާރު ކުރިއަށް ދާ ކްލަބު ނިއު ފްރެންޑްސް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ބައްދަލު ކުރި މެޗު ޑަބްލިއު މޯލްޑިވްސް އިން ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ކުޅެވުނު ގުރޫޕް ބީގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޑަބްލިއު މޯލްޑިވްސް އިން ޔަންގް އީގަލްސް މައްޗައް ކުރި ހޯދީ 1-0ގެ ނަތީޖާ އަކުންނެވެ. މެޗުގެ ހަމަ އެކަނި ގޯލު 32ވަނަ މިނެޓުގައި ޖަހައިފައި ވަނީ ޑަބްލިއު މޯލްޑިވްސްގެ އަހްމަދު މުއާޒް (19)އެވެ.

ޔަންގް އީގަލްސް އާއި ޑަބްލިއު މޯލްޑިވްސް ކުޅުނު މެޗުގެ ތެރެއިން / ވަގުތު އިމޭޖަސް : ޖިމީ

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައި ވަނީ އަހްމަދު މުއާޒް ކަމުގައި ވާއިރު، ހިމަންދޫ ކޯނާސް ހަޓް އިން އޭނާ އަށް ހުށަހަޅާފައިވާ އިނާމް ހަވާލު ކޮށްދެއްވީ އެރަށު ކައުންސިލްގެ ނައިބު ރައީސް ހަސަން ރަޝީދުއެވެ.

މި މުބާރާތުގެ 5ވަނަ މެޗު މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލު ކުރާނީ ވައިޓް ރޯސް އާއި މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވެސް ކުޅެފައިވާ މާޅޮސް ސްޕޯޓްސް ކްލަބް އިންނެވެ.

ޖުމްލަ ހަ ޓީމަކުން ބައިވެރިވި މި މުބާރާތް މި މަހުގެ 24ގެ ނިޔަލަށް ކުރިއަށް ދާނެއިރު، ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހެޅިފައެވެ. އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާ ލިބިގެން ދާނެއެވެ. މިއީ މި މުބާރާތް ބާއްވާ 14 ވަނަ އަހަރުކަން ފާހަގަ ކޮށްލެވެއެވެ.