3-1 އިން އެވަޓަން ބަލިކުރުމަށްފަހު ޕްރިމިއަރ ލީގު ހޯދުމާ ގާތަށް މެންޗެސްޓަރ ސިޓީ އިން ޖެހިލައިފިއެވެ.

މިރޭގެ މޮޅާއެކު ސިޓީ ލީގުގެ އެއްވަނައިގައި އޮތީ 84 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 68 ޕޮއިންޓާ އެކު މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު ތިންވަނައިގައި 66 ޕޮއިންޓާ އެކު އޮތީ ލިވަޕޫލްއެވެ.

މިރޭގެ މޮޅާއެކު ލީގު ހޯދުމަށް ސިޓީ އަށް މިހާރު ބޭނުންވަނީ އެންމެ މޮޅެއްކަން ފާހަގަކޮށްލެވެއެވެ. ލީގުގައި ސިޓީ އިން ދެން ބައްދަލުކުރާނީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއެވެ.

އެވަޓަންގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓްގައި ލީރޯއި ސާނޭ ވަނީ ސިޓީ އަށް ލީޑު ނަގާދީފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 12 ވަނަ މިނެޓްގައި ގެބްރިއަލް ޖީސެސް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ރަހީމް ސްޓާލިން ވަނީ ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ.

ތިން ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފް ސިޓީ އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ޔަނިކް ބޮލާސީ ވަނީ އެވަޓަންގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދީފައެވެ. މި ހާފުގައި ސިޓީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތެއް ވެސް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.

ޔުނައިޓެޑް ބަލިކުރުމަށްފަހު އަންނަ ހަފްތާގައި ސިޓީ އިން ލީގު ހޯދައިފިނަމަ، އެ ކްލަބު ވެގެންދާނީ ޕްރިމިއަރ ލީގުގެ ތާރީހުގައި ވެސް އެންމެ އަވަހަށް ލީގު ޗެމްޕިއަންކަން ހޯދާ ކްލަބަށެވެ. މި ރެކޯޑު މިހާރު އޮތީ މެންޗެސްޓަރ ޔުނައިޓެޑްގެ އަތުގައެވެ.

ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރާ މެޗު އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުއެވެ.