ލިވަޕޫލުން މި ސީޒަންގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ގޯލްކީޕަރު އެލިސަން ބެކާއަށް އަނިޔާވެ، ދަނޑުން ބާލަން ޖެހިއްޖެއެވެ.

މިދިޔަ ސީޒަންގައި ލިވަޕޫލުން ޗެމްޕިއަންސް ލީގު އުފުލާލިއިރު، އެ ކާމިޔާބީގައި އެންމެ މުހިއްމު ރޯލެއް އަދާކުރި އެލިސަންގެ ފައިގެ ކުޑަކަޅުވާއަށް ރޭގެ މެޗުގައި އަނިޔާވެފައިވާއިރު، ބުދަ ދުވަހުގެ ރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ ސުޕަ ކަޕްގައި އޭނާއަށް ނުކުޅެވޭނެއެވެ.

އުމުރުން 26 އަހަރުގެ އެލިސަންއަށް ރޭ ނޯވިޗާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި ނަމަވެސް، ލިވަޕޫލް ވަނީ މެޗު ފަސޭހަކަމާއެކު ކާމިޔާބު ކޮށްފައެވެ. ބަދަލު ގޯލްކީޕަރެެއްގެ ގޮތުގައި ނުކުތީ މި ސީޒަނަށް ވެސްޓްހަމްއިން ގެނައި ގޯލްކީޕަރު އެޑްރިއަންއެވެ. އެޑްރިއަން މެޗުގައި ރަނގަޅު ސޭވްތަކެއް ކުރި ނަމަވެސް އޭނާއަށް ކްލީން ޝީޓް ވަނީ ގެއްލިފައެވެ.

"ކޮންމެވެސް ގޮތަކަށް އެއްޗަކުން ޖެހުނު ކަހަލަ ގޮތަކަށް އަނިޔާވީ. އެއީ ވަރަށް ބޮޑަށް މާޔޫސްވާ ކަމެއް. ބުދަ ދުވަހުގެ ރޭ އޮންނަ މެޗަށް ޔަގީނުންވެސް އެލިސަން ފިޓް ނުވާނެ،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނެފައި ވަނީ އެލިސަންއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ގޯލްކީޕަރު ކަމަށާއި، އޭނާ ނެތި ކުޅެން ޖެހުމަކީ އުނދަގޫވާނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ބަދަލު ގޯލްކީޕަރު އެޑްރިއަަށް އިތުބާރު ކުރާ ކަމަށްވެސް ކްލޮޕް ބުންޏެވެ.

އެލިސަން އަނިޔާގައި ހުންނާނީ ކިހާ ދުވަހެއް ވަންދެން ކަމެއް އަދި ޔަގީންކޮށް އެނގިފައެއް ނުވެއެވެ.