ސީދާ ތިން ސެޓުން ނޭޕާލް ބަލިކޮށް، ރާއްޖެއިން އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވާއިރު، މިއަދުގެ މެޗުގައި ދިވެހި ޓީމު ފެނުނީ އާދަޔާ ހިލާފު ޖޯޝެއްގައެވެ. ނޭޕާލްގެ އެތައް ހާސް ސަޕޯޓަރުންނެއްގެ ކުރިމަތީގައި ކުޅުނު ނަމަވެސް، ދިވެހި ކުޅުންތެރިންގެ ފަރާތުން ފެނުނީ ސީދާ ގައުމަށްޓަކައި ކުޅުނު މަންޒަރެވެ.

މިއަދުގެ މެޗަށްފަހު ވާހަކަ ދައްކަމުން ރާއްޖޭ ޓީމުގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓޭ) ބުނެފައި ވަނީ މިއަދުގެ މެޗަށް ނުކުތީ ނޭޕާލާއެކު އޮތް ތާރީހު ބަދަލު ކުރުމަށެވެ.

" މުބާރާތަށް އައީވެސް ވަރަށް ބޮޑަށް ޓާގެޓާއެކީ. އެއްވެސް އޮފިޝަލެއްވެސް ކުޅުންތެރިޔަކުވެސް ބޭނުމެއް ނުވޭ މިއަދު ބަލިވާކަށް. މީޓިން ބާއްވާފައި ބުނިން ތިންވަނަ ބައްޔަކަށްށޭ ނޭޕާލް އެ ނުކުންނަނީ. އެކަމަކު އެއްވެސް ކުޅުންތެރިޔަކުވެސް އޮފިޝަލަކުވެސް ބޭނުމެއް ނުވޭ ނޭޕާލް އަތުން ބަލިވާކަށް." ހުޒަންޓޭ ބުންޏެވެ.

މީގެ ދެއަހަރުކުރިން މާލޭގައި އޮތް އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭން މޮޅުވާން މަޖުބޫރު މެޗެއްގައި ނޭޕާލް އަތުން 3-1 އިން ބަލިވެ ފުރުސަތު ގެއްލުނުއިރު، އޭގެފަހުންވެސް ރާއްޖެ ވަނީ ނޭޕާލް އަތުން ބަލިވެފައެވެ. ހުޒަންޓޭ ބުނެފައި ވަނީ މިއަދު ކުޅުންތެރިން ނުކުތީ ރާއްޖޭގައި ނޭޕާލް އަތުންވި ބަލި ހަނދާން ނައްތާލުމަށް ކަމަށެވެ.

"ހުރިހާ ކުޅުންތެރިންވެސް ހަނދާން އެބަހުރި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ނޭޕާލުން ރާއްޖެ ކަޓުވާލި ހަނދާން. މިއީ އޭގެ ބަދަލެއްގެ ގޮތުގައި ކުޅުނީ. ގަބޫލުކުރަނީ ވަރަށް ބޮޑަށް މަސައްކަތް ކުރެވިއްޖެ ކަމަށް. މި ނަތީޖާއާއެކު އިތުރަށް މަސައްކަތް ކޮށް، ކުރިއަށް ހުރި މެޗުތަކުގައިވެސް މޮޅުވާން ނުކުންނާނީ،" ހުޒަންޓޭ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ރައްޔިތު

  ހެޔޮ..! ދަގަނޑޭ ނުަލާ ޒާތީ ސަރޮގޭޓް ބެއްޔާގެ ޓީމު ކުޅޭ މެޗެއް ނުބަލާނަން...!!

  11
  4
 2. އަހްމަދު

  ލިބުނުކާމިޔާބީގައި ﷲ އަށް ހަމްދު ކުމުގެ ބަދަލުގައި ތިމަތިމާމެންގެ މޮޅު ވާހަދައްކަނީ.

  15
  1
 3. ހައްވަ

  މާފޮނި އެއްޗެހި ނުކިޔާ! ތީ ހޯދަދިން އެއްޗެއް ނޫން ތީ ލިބުނުއެއްޗެއް އޮޅިގެން. އިރާދަކުރެއްވިއްޔަ ދެން ނުލިބޭނެ. މާ ފޮނިވެގެން.

  2
  9