ސްވިމް މޯލްޑިވްސް އިން އާއްމުންނަށް ހުޅުވާލައިގެން 'ދިރާގު މާލޭ އޯޕަން' ގެ ނަމުގައި އޯޕަން ވޯޓާ ފެތުމުގެ މުބާރާތެއް އަންނަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ރަސްފަންނު ބޭރުގައި ބާއްވަން އިއުލާންކޮށްފަ އެވެ.

ފެތުމަށް ޝައުގުވެރިކަން ހުންނަ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް ބާއްވާ ސްވިމް މޯލްޑިވްސްގެ މި އިވެންޓް ބަހާލާފައިވަނީ ހަތް ކެޓަގަރީއަކަށެވެ. އެއީ 10 އަހަރުން ދަށުގެ ކުދިންނަށް ބާއްވާ 500 މީޓަރުގެ ރޭހާއި 11-14 އަހަރާ ދެމެދުގެ ކުދިންނާއި 15-19 އަހަރާ ދެމެދުގެ ކުދިންނަށް ބާއްވާ އެއް ކިލޯމީޓަރު ރޭހެވެ. މީގެ އިތުރުން 20-29 އަހަރާ ދެމެދާއި 30-39 އަހަރާ ދެމެދާއި 40-49 އަހަރާ ދެމެދަށް އަދި 50 އަހަރުން މައްޗަށް އެއް ކިލޯމީޓަރުގެ ރޭހަކާއި 500 މީޓަރުގެ ރޭހެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

މި ކެޓެގަރީތަކު ތެރެއިން 500 މީޓަރު ރޭސް 30 މިނެޓުގެ ތެރޭ ނިންމަން ޖެހޭނެ އެވެ. އަދި އެއް ކިލޯމީޓަރުގެ ރޭސް އެއް ގަޑިއިރުގެ ތެރޭ ނިންމަން ޖެހޭނެ އެވެ. ކޮންމެ އުމުރުފުރާއަކުން އެންމެ ބާރު ތިން ދުވުންތެރިން ހޮވާނެ އެވެ. މީގެ އިތުރުން ހުރިހާ އިވެންޓެއް އެއްކޮށް އެންމެ ބާރު ތިން ފެތުންތެރިންވެސް ހޮވުމަށްވަނީ ހަމަޖެހިފަ އެވެ.

ފަތަން ދަންނަ ކޮންމެ މީހަކަށް ވެސް މި ފެތުމުގެ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ. މިއީ ފެތުމަށް ޝައުގުވެރިކަން ހުންނަ އަދި ކޮމްޕެޓެޓިވް ލެވެލް އެއްގައި ފަތާލަން ބޭނުންވާ އެންމެހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ރަނުގެ ފުރުސަތެެއްކަން ފާހަގަކޮށްލެވެ އެވެ.

މި އިވެންޓަކީ ސްވިމް މޯލްޑިވްސްގެ ދެ ވަނަ އިވެންޓެވެ. ފުރަތަމަ އިވެންޓަކީ މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި 'ބާ ބީއާރް ކްރޯލް' އެވެ. ތިމާވެއްޓަށް ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ބޭއްވި މި އިވެންޓް ބ. އޭދަފުށިން ފަށައި ކެންދޫ އަށް ނިންމާލީ 43.7 ކިލޯ މީޓަރަށް ފަތައި 23 ރަށަށް އެރުމަށް ފަހު އެވެ.