2020 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި ރޫމޭނިއާ އަތުން މޮޅުވެ ސްޕެއިން އިން ގްރޫޕްގެ އެންމެ ކުރީގައި ހަމަޖެހިލައިފި އެވެ.

ޔޫރޯ ކޮލިފިކޭޝަންގެ ގްރޫޕް އީގައި ސްޕެއިން އާއި ރޫމޭނިއާ ވާދަކުރި މެޗު ސްޕެއިން ކާމިޔާބު ކުރީ 2-1ގެ ނަތީޖާ އަކުންނެވެ. މެޗުގައި ދެޓީމްގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ސްޕެއިން އިންނެވެ. ފުރަތަމަ ހާފްގެ 29 ވަނަ މިނެޓުގައި މިޑްފީލްޑަރު ޑާނީ ސެބާޔޮސް އަށް ރޫމޭނިއާ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ކެޕްޓަން ސާޖިއޯ ރާމޮސް ސްޕެއިން އަށް ކުރިހޯދައިދިނެވެ.

ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ބޮރޫޝިއާ ޑޯޓްމައުންޑް އަށް ކުޅެމުން އަންނަ ފޯވަޑް ޕާކޯ ވަނީ ލަނޑެއް ޖަހައި ސްޕެއިންގެ ލީޑު ދެ ލަނޑަށް ފުޅާކޮށްފަ އެވެ. ސްޕެއިން އަށް ކަންތައް ގޯސްވާން ފެށީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ރޫމޭނިއާގެ ފްލޯރިން އެންޑޯން ކުޅެން އެރި ހިސާބުންނެވެ. އެންޑޯން ކުޅެން އެރުމާއެކު ސްޕެއިންގެ ޑިފެންސް ލައިނަށް ބާރުބޮޑުވެ ނަތީޖާ އެއްގެ ގޮތުން 59 ވަނަ މިނެޓުގައި އެންޑޯން ވަނީ ލަނޑު ޖަހައި ފަރަގު ކުޑަކޮށްދީފަ އެވެ.

މެޗު ނިމެން ކައިރިވެފައި ވަނިކޮށް ރޫމޭނިއާގެ ކުޅުންތެރިއަކަށް ސްޕެއިންގެ ޑިފެންޑަރު ޑިއެގޯ ލޮރެންޓޭ ކުރި ފައުލަކާއި ގުޅިގެން އޭނާ އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. މެޗުގެ ފަހު ދިހަ ވަރަކަށް މިނެޓު ސްޕެއިން އިން ދިހަ ކުޅުންތެރިންނާއެކު ކުޅުނު ނަމަވެސް ރޫމޭނިއާ އަށް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ.

މި ނަތީޖާއާއެކު ސްޕެއިން ގްރޫޕް އެފްގެ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްގެން 100% ރެކޯޑަކާއެކު އެވެ. ދެވަނައިގައި ދިހަ ޕޮއިންޓާއެކު ސްވިޑެން އޮތްއިރު ތިންވަނައިގައި އޮތީ ނޯވޭ އެވެ.