ރޭ ކުޅުނު ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗުގައި ކޮލަމްބިއާ އާއި ބްރެޒިލް ބައްދަލުކުރި މެޗު 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެ އެވެ.

އަނިޔާގައި ހުރުމަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އައިސް ނޭމާ ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މިއާމީގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީވެސް ބްރެޒިލް އިންނެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގެ 19 ވަނަ މިނެޓުގައި ނޭމާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މިޑްފީލްޑަރު ކަސެމީރޯ އެވެ. ނަމަވެސް ބްރެޒިލް އަށް ލީޑުގައި ހިފަހައްޓައި ލެވުނީ ކުޑަ އިރުކޮޅަކަށެވެ. ބްރެޒިލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ކޮލަމްބިއާގެ ލުއިސް މޫރިއެލް އަށް ޑިފެންޑަރު އެލްކްސް ސަންޑްރޯ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މޫރިއެލް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މޫރިއެލްގެ ޕެނަލްޓީ އަށް ފަހު ބްރެޒިލް އަށް ވަނީ ކައިިރިކައިރީގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެންގޮސްފަ އެވެ. އެގޮތުން އެވަޓަން އަށް ކުޅެމުން އަންނަ ރިޗާލިސަން ފޮނުވާލި ދެ ހަމަލާވެސް ކޮލަމްބިއާގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. ބްރެޒިލް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ ކޮލަމްބިއާ އިން ދެވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެޓީމް ކޮޅަށް އެނބުރުމެވެ. ކޮލަމްބިއާގެ ދެވަނަ ލަނޑު ވެސް ޖަހައިދިނީ ލުއިސް މޫރިއެލް އެވެ.

ދެވަނަ ހާފްގައި ބްރެޒިލް އިން ވަނީ އެޓީމްގެ ކުޅުން ރަނގަޅު އެޓޭކިންގް ފުޓްބޯޅަ އެއް ކުޅެ ކޮލަމްބިއާގެ ކީޕަރު އޮސްޕީނާ ބީޓް ކުރަން ވަރަށް މަސަތްކަތްކޮށްފަ އެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން 58 ވަނަ މިނެޓުގައި ހުނަރުވެރި މިޑްފީލްޑަރު ފިލީޕެ ކުޓީނިއޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ނޭމާ ވަނީ ލަނޑެއް ޖަހައި މެޗުގެ ހަމަހަމަކޮށްދީފަ އެވެ.

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެނބުރި ބާސާ އަށް ބަދަލުވާން ވަރަށް މަސަތްކަތް ކުރި ނޭމާ ހުރީ މިދިޔަ ޖުލައި މަހުން ފެށިގެން އަނިޔާގަ އެވެ. އަނިޔާގެ ސަބަބުން އަމިއްލަ ފަސްގަނޑުގައި މި އަހަރު އޮތް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވެސް ނޭމާ ކުޅެފަ އެއް ނުވެ އެވެ.