ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، ''ވަގުތު ފުޓްސަލް ޗެލެންޖް''ގެ އަންނަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވޭ ކުޅުންތެރިއަކަށް އިނާމެއްގެ ގޮތުގައި ޢުމްރާ ދަތުރެއް ދޭން ނިންމައިފިއެވެ.

''ވަގުތު'' އިން އިންތިޒާމްކޮށްގެން އައްޑޫ ސިޓީގައި ކޮންމެ އަހަރަކުވެސް ބާއްވަމުން ގެންދާ ފުޓްސަލް ޗެލެންޖްގެ 2020 ވަނަ އަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިއާ އަށް ޢުމްރާ ދަތުރެއް ހުށަހަޅާފައިވަނީ ޓްރެވް ހައްޖު އެންޑް އުމްރާ އިންނެވެ.

އަންނަ އަހަރު އޮންނަ ވަގުތު ފުޓްސަލް މުބާރާތް ސްޕޮންސާ ކުރުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލާފައެވެ. މުބާރާތް ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ "ވަގުތު" ގެ ނަމްބަރު 7907173 އަށެވެ.

ވަގުތު ފުޓްސަލް މުބާރާތް މިއަހަރުވެސް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފަ އެވެ. ޖުމްލަ 16 ޓީމާއެކު ހިތަދޫގައި ކުރިއަށްދިޔަ މުބާރާތް ފޯރިގަދަކޮށް ނިމިގެންދިޔައިރު، ޗެމްޕިއަންކަން ހޯދީ އެފްސީ އުސްގަނޑައެވެ.

މިހާތަނަށް ވަގުތު އިން ބޭއްވި ތިން މުބާރާތް 16 ޓީމަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު، އަންނަ އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 24 ޓީމަކަށް ވަނީ ހުޅުވާލާފަ އެވެެ. އަންނަ އަހަރުގެ މުބާރާތުގައި ދެވޭ ފައިސާގެ އިނާމު ވެސް މިހާރު އިތުރުކޮށްފައިވާއިރު ތިންވަނަ ޓީމަށް 30،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 75،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމް ވަނީ 150،000 އަށް އިތުރު ކޮށްފަ އެވެ.

އައްޑޫގެ ހުނަރުވެރި ފުޓްސަލް ކުޅުންތެރިންނަށް ހާއްސަ ފުރުސަތެއް ހޯދައިދީ، އެ ސިޓީގައި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތް ބޭއްވުމުގެ މަގުސަދުގައި ވަގުތު އިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ މި މުބާރާތުގެ ނަތީޖާ މިހާރުވެސް ވަރަށް ފޮންޏެވެ. އެތަކެއް ޒުވާން ކުޅުންތެރިންނެއްގެ ހުނަރު، މިދިޔަ ތިން އަހަރުވެސް ފެނިގެންދިޔައިރު "ވަގުތު" ފުޓްސަލް ޗެލެންޖާއެކު އައްޑޫގެ ފުޓްސަލް ވަނީ ވަރަށް ބޮޑަށް ކުރިއަރާފަ އެވެ.