ގްރާސްރޫޓް ލެވެލްގައި ފުޓްބޯޅަ ކުރިއެރުވުމަށް “ފުޓްބޯލް ޓު އޯލް އެޓް އޯލް ލެވެލްސް" ގެ ދަށުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހިންގާ އެކި ހަރަކާތްތަކުގެ ތެރެއިން އެ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ސްކޫލްތަކުގެ ފުޓްބޯޅަ ފެސްޓިވަލް އައްޑޫ ސިޓީގައި ފެށިގެން ކުރިއަށް އެބަދެ އެވެ.

ހޮނިހިރު ދުވަހު ފެށި މި ފެސްޓިވަލް ކުރިޔަށްދަނީ އައްޑޫއަށް ނިސްބަތްވާ ސްކޫލުތަކުގެ ކުދިންނަށް ހުޅުވާލައިގެންނެވެ. މި ފެސްޓިވަލްގައި ޖުމްލަ 376 ކުދިން ބައިވެރިވެފައިވާއިރު އެއީ ފިރިހެން 336 ކުދިންނާއި އަންހެން 40 ކުދިންނެވެ.

އެފްއޭއެމްގެ އައްޑޫ ގޮފީގެ ބެލުމުގެ ދަށުން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުރިއަށްދާ މި ހަރަކާތަކީ އައްޑޫގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ ފެސްޓިވަލެވެ. މި ފެސްޓިވަލްގައި ޖުމްލަ 63 މެޗު ކުޅެވިގެންދާނެ ކަމަށް އެފްއޭއެމް އިން މައުލޫމާތުދެއެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ފެސްޓިވަލްގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް މެޑެއްޔެއް ލިބިގެންދާނެ ކަމަށް އެފްއޭއެމް އިން މައުލޫމާތުދެ އެވެ.

ކުޑަ ކުދިންނަށް އަމާޒުކޮށްގެން ހިންގާ މިފަދަ ހަރަކާތްތަކުގެ އިތުރުން އައްޑޫ ސިޓީގައި ފުޓްބޯޅަ ކޯޗުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައްވެސް އެފްއޭއެމް އިން ދަނީ ހިންގަމުންނެވެ. އެގޮތުން މިއަހަރުގައި އަައްޑޫގައި ވަނީ ކޯޗުން ތަމްރީނުކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފައިވާއިރު އެފްއޭއެމް އިން ހިންގާ މިފަދަ ޕްރޮގްރާމްތަކަށް ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަކޮށްލެވެ އެވެ.

ދާދިފަހުން ޔޫރަޕްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ކަމަށްވާ ޔުއެފާ އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބޭއްވި ޔުއެފާ އެސިސްޓް 15 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތެއްވެސް ކާމިޔާބުކަމާއެކު އައްޑޫގަައި ވަނީ ބާއްވާފައެވެ. މިއީ އައްޑޫގައި މިހާތަނަށް ބޭއްވި ބައިނަލްއަޤްވާމީ ދެވަނަ މުބާރާތެވެ. މި މުބާރާތުގެ ކުރިން މިއަހަރުގެ ކުރީކޮޅު ސްޕެއިންއަށް ނިސްބަތްވާ ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް އިން ވަނީ އައްޑޫގައި ފުޓުބޯޅަ ކޭމްޕެއް ވެސް ބާއްވާފައެވެ.

ގްރާސްރޫޓް ލެވެލްގައި ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގައި ރާއްޖޭގެ ފުޓްބޯޅަ އާއި ބެހޭ މައި އިދާރާ ކަމަށްވާ އެފްއޭއެމް އިން ކުރާ މަސައްކަތަށް އޭއެފްސީން ވަނީ ދާދިފަހުން ރާއްޖޭގެ ފުޓްބޯޅަ އަށް ބްރޯންޒް މެމްބަރޝިޕްކަން ވެސް ދީފަ އެވެ.