ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ މަހު މާލޭގައި ކުޅޭ ދެ މެޗުގައި ގައުމީ ޓީމަށް ދިވެހި ސަޕޯޓަރުންގެ ތަރުހީބު ވަރަށް މުހިއްމުކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކޮލިފައިންގައި ރާއްޖެ އަށް ކުރިމަތިވާނެ އެންމެ މުހިއްމު ދެ މެޗުގައި ފިލިޕީންސްއާއި ގުއާމްއާއި ދެކޮޅަށް ގައުމީ ޓީމު ނުކުންނައިރު މި ދެމެޗު ކާމިޔާބުކުރުމަކީ އޭޝިއަން ކަޕްގެ ޖާގަ އަކަށް އަމާޒު ހިފާފައިވާ ދިވެހި ޓީމަށް ކޮންމެހެން މަޖުބޫރު ކަމެކެވެ. މި ދެމެޗަށް ޓީމަށް ތަރުހީބު ހޯދުމުގެ ގޮތުން އެފްއޭއެމް އާއި ގައުމީ ޓީމަށް ލަފާދޭ ކޮމިޓީން ގިނަ ގުނަ މަސަތްކަތްތަކެއް ކުރަން ނިންމާފައިވާއިރު ފުރަތަމަ ހަރަކާތެއްގެ ގޮތުން އިއްޔެ ވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ޓީމަކާއި އެފްއޭއެމްގެ އިން ނެގި ޓީމެއްގެ މެދުގައި ޙާއްސަ ފުޓްބޯޅަ މެޗެއް ކުޅެފައެވެ.

އިއްޔެ ޓާފް ދަނޑުގައި ކުޅުނު މެޗަށްފަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ދިވެހި ފުޓްބޯޅައިގެ ފޯރި އަލުން ކޮޅަށް ޖަހަން އެންމެ މުހިއްމު ކަމަކީ ސަޕޯޓަރުން ހުއްޓުމެއް ނެތް ތަރުހީބު ކަމަށާއި، އަންނަ މަހު އަމިއްލަ ގައުމުގައި ކުޅޭ ދެ މެޗަށް ގަލޮޅު ދަނޑު ފުރާލައި ދިވެހި ސަޕޯޓަރުންގެ ފުރިހަމަ އެއްބާރުލުން ދިވެހި ޓީމަށް ދޭން ޖެހޭ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ މީގެ ތިރީހަކަށް އަހަރު ކުރިން ރާއްޖޭގައި ފުޓްބޯޅަ އަކީ ވަރަށް ފޯރިއާއެކު ކުޅެމުން އައި ކުޅިވަރެއް ކަމަށާއި ފުޓްބޯޅަ އަކީ ދިވެހިންގެ މެދުގައި އަބަދުވެސް އެންމެ މަގުބޫލު ކުޅިވަރު ކަމަށެވެ. އެބީދައިން ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ މިވަގުތު އޮތީ އެންމެ ރަނގަޅު ހާލަތެއްގައި ކަމަށް ނުވިޔަސް އެފްއޭއެމްއާއި ސަރުކާރާއި ސަޕޯޓަރުން އެކައްޗެއް ކިޔައިގެން ރަނގަޅު މިސްރާބަކަށް މިގައުމުގެ ފުޓްބޯޅަ ގެންދެވޭނެ ކަމަށެވެ.

"އަންނަ މަހު 14 އަދި 19 ރާއްޖޭގައި ކުޅޭ މެޗަށް ސަޕޯޓަރުންގެ ތަރުހީބު ވަރަށް މުހިއްމު. އެއީ ދިވެހި ޓީމު ކޮންމެހެންވެސް މޮޅުވާން ޖެހޭ ދެ މެޗު. ދިވެހި ސަޕޯޓަރުން އެބަޖެހޭ އެއްއަޑަކުން ދަނޑު ގުގުމާލަން. މި މެޗުތައް ކާމިޔާބުކުރުމުގައި އެފްއޭއެމްއާއި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން. ހަމައެއާއެކު ސަޕޯޓަރުންގެ ފަރާތުން ވެސް ފުރިހަމަ އެއްބާރުލުން މިކަމުގައި ލިބޭނެކަމަށް އުއްމީދުކުރަން، “ ފައިސަލް ނަސީމް ވިދާޅުވިއެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅޭ ހަތަރުވަނަ މެޗުގައި އަންނަ މަހުގެ 14 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ޕިލިޕީންސްއާ ދެކޮޅަށް ކުޅޭނެ އެވެ. އަދި 19 ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅޭނެއެވެ. މި ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު މިހާރުވީ މެލޭޝިއާގަ އެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް 3 މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ސީރިއާ އެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު ޗައިނާ އޮތްއިރު ތިންވަނައިގައި 4 ޕޮއިންޓާއެކު އޮތީ ފިލިޕީންސް އެވެ. ކުޅުނު ތިން މެޗުން 3 ޕޮއިންޓް ހޯދައިގެން ރާއްޖެ ފަސްވަނައިގައި އޮތްއިރު ފުލުގައި އޮތް ގުއާމަށަ އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ވިސްނާ

  މިގައުމުން ލާދީނިއްޔަތު ފޮހެލުމަށް ސަރުކާރުގެ އެއްބާރުލުން ވަރަށް މުހިއްމު: ސަޕޯޓަރުން

  18
 2. ާައަސްލަމް

  އެމްޑީޕީ މީހުން ދަނޑަށް ވަށްދާ

 3. ޣގގގ

  ވަރަށް ސޮރީ. މިހާރު ރައީސަ އާ ނައިބު ރައީސް ބުނާކަމެއް ނެތް ކުރެވޭކަށް. ކަލޭމެން އަހަރެމެންގެ މާތް އިސްލާމްދީނަށް ދޭ ގަދަރަކީ ކުނިގަނޑެއްގެ ދަރަޖަ. މަށެއް އަދި މަގޭ ބާރު ހިނގާމީހެއްވެސް ކަލޭ ތިބުނި ބުނުމަށް އިނގިއްޔެއްވެސް ތަޅުވާނުލާނެ.