2020 ވަނަ އަހަރު ޖަޕާނުގައި ބާއްވަން ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ އެންމެ ބޮޑު ކުޅިވަރުގެ ޙަރަކާތް، އޮލިމްޕިކް ގޭމްސް އަށް އެޤައުމުން ތައްޔާރުކުރި އާ ސްޓޭޑިއަމްގެ މަސައްކަތް ނިންމާލައިފިއެވެ.

ޓޯކްޔޯގެ ރަސްމީ ދަނޑުގެ ގޮތުގައި ނަން ދީފައިވާ މި ސްޓޭޑިއަމަކީ މިއަންނަ އަހަރުގެ އޮލިމްޕިކް ގޭމްސްގެ އެންމެ މުހިއްމު އިވެންޓުތައް ކަމަށްވާ ފުޓުބޯޅަ އާއި އެތްލެޓިކްސް އިވެންޓުތައް ކުރިއަށް ދާނެ ސްޓޭޑިއަމެވެ. 60،000 މީހުންގެ ޖާގަ އޮންނަ ސްޓޭޑިއަމްގެ މަސައްކަތް، އޮލިމްޕިކް ފެށުމުގެ 8 މަސް ކުރިން ނިންމާލެވުމަކީ ޖަޕާނުގެ ސްޕޯޓްސް ކައުންސިލަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެ ސްޓޭޑިއަމްގެ މަސައްކަތްތަކަށް ޖަޕާނުން ވަނީ 1.25 ބިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ.

2016 ވަނަ އަހަރުގެ ތެރޭގައި ޢިމާރާތް ކުރަން ފެށި ސްޓޭޑިއަމްގެ ޢަމަލީ ހުރިހާ މަސައްކަތެއް ނިންމާލާފައިވާ އިރު، އެ ސްޓޭޑިއަމް ރަސްމީ ގޮތެއްގައި ހުޅުވާނީ މިއަންނަ މަހުގެ 21 ވަނަ ދުވަހުގައެވެ. އެންމެ ފުރަތަމަ އިވެންޓެއްގެ ގޮތުން މިއަންނަ އަހަރުގެ ފުރަތަމަ ދުވަހު، އެ ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވަނީ ޖަޕާނުގެ 'އެމްޕެރާސް ކަޕް' ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗެވެ.

"އަހަރެމެން ވަރަށް އުފާވޭ އޮލިމްޕިކްގެ އެންމެ މުހިއްމު ސްޓޭޑިއަމްގެ މަސައްކަތް ނިންމާލެވުމުން. މިއިން އަހަރެމެންނަށް އަންގައިދޭ ގޭމްސް ފެށުމާއި ވަރަށް ކައިރިވެއްޖެކަން. އަހަރެމެން މިތިބީ ކެތް މަދުވެފައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އެތުލީޓުންނާއެކު، ފެންވަރު ރަނގަޅު މުބާރާތެއް ބާއްވަން. މި ސްޓޭޑިއަމަކީ ކުރިއަށް މުސްތަޤްބަލަށް ވެސް ވަރަށް މުހިއްމު ސްޓޭޑިއަމަކަށް ވާނެ،" 2020 އޮލިމްޕިކް ގޭމްސްގެ އިވެންޓް ސީއީއޯ ޓޮޝީރޯ މުޓޯ، އާ ސްޓޭޑިއަމާއި، އެޤައުމުގައި ބާއްވާ މުބާރާތާއި ގުޅޭގޮތުން ވާހަކަދައްކަމުން ބުންޏެވެ.