ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އަތުން އެއްވަރުވެ ލަލީގާ ތާވަލުގެ އެއްވަނަ އަށް އެރުމަށް ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގައިލައިފި އެވެ.

ރެއާލް މެޑްރިޑާއި ވެލެންސިއާ ރޭ މެސްޓެއްލާގައި ބައްދަލުކުރި މެޗު އެއްވަރުވީ 1-1 އިންނެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށް ކުޅުނު މެޗުން ލަލީގާ ތާވަލު ލީޑު ކުރަމުން އަންނަ ބާސެލޯނާ އެއްވަރު ވުމުން ވެލެންސިއާ ބަލިކޮށްގެން ބާސާ ފަހަތަށް ޖައްސާލައި އެއްވަނަ އަށް އެރުމުގެ ފުރުސަތު ރެއާލަށް އޮތެވެ. ނަމަވެސް ވެލެންސިއާ އަތުން ޕޮއިންޓަކުން ފަރުޖައްސާލަން ޖެހުމުން ރެއާލް އަދިވެސް އޮތީ ލަނޑުގެ ތަފާތުން ދެވަނައިގަ އެވެ.

ލަލީގާގައި މިހާތަނަށް 17 ބުރު ކުޅެވިފައިވާ އިރު ބާސާ އާއި ރެއާލަށް ވެސް ލިބިފައިވަނީ 35 ޕޮއިންޓް އެވެ. ލަލީގާގައި ކުރިއަށް ދެން އޮތީ މިދެޓީމުގެ ކުރިމަތިލުމެވެ. އެ މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

ރޭ ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗު ރެއާލުން ފެށީ ވަދުގަދަ ކޮށެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅު ވެލެންސިއާގެ ގޯލަށް އެޓީމުން ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. ފެޑެރީކޯ ވަލްވާޑޭ އާއި ޓޯނީ ކްރޫސް އޭރިއާ ބޭރުން ފޮނުވާލި ބޯޅަތައް ވެލެންސިއާގެ ކީޕަރު ޖޯމޭ ޑޮމެނެކް މަތަކުރި އިރު ބެންޒެމާ އަށް ލިބުނު ފުރުސަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒު ނުވެ ބޭރަށެވެ.

ރެއާލަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެދެވޭ ގޮތެއްގައި އެޓީމުގެ ކުޅުންތެރިންނަށް ނުހިފުނު އިރު މި ހާފުގެ ފުރަތަމަ ވިއްސަކަށް މިނެޓް ފަހުން ވެލެންސިއާ އިން ކުޅުމުގެ ތެރެއަށް ވަންނަން ފެށި އެވެ. އެގޮތުން ރެއާލުގެ ފަހަތަށް ވެލެންސިއާ އިން ބާރު ބޮޑުކުރަން ފެށި އިރު ލީޑު ނަގަން ފަރްނާންޑޯ ޓޮރެސް އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ރަފައެލް ވަރާން ކައިރިން ނައްޓާލުމަށްފަހު ރެއާލްގެ ގޯލަށް ޓޮރެސް ބޯޅަ ފޮނުވާލި ނަމަވެސް ކީޕަރު ތިބާއުޓް ކޯޓުއާ ވަނީ އެ ހަމަލާ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފާއި ހިލާފަށް މެޗުގެ ދެވަނަ ހާފު ވެލެންސިއާ އިން ފެށީ ވަރުގަދަ ކޮށެވެ. ރެއާލުގެ ގޯލު ފޫއަޅުވާލަން އެޓީމުން ހުއްޓާނުލައި މަސަތްކަތް ކުރަމުން ދިޔައިރު ރެއާލް ސަލާމަތްކޮށްދެމުން ދިޔައީ ކޯޓުއާ އެވެ. އެގޮތުން ޓޮރެސް އާއި ކާލޮސް ސޮލާގެ ހަމަލާތަކެއް ބެލްޖިއަމްގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

ވެލެންސިއާ އިން ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުންދިޔަ އިރު ލީޑު ނަގަން އެޓީމުން ކުރަމުން އައި މަސަތްކަތް ކާމިޔާބުވީ 77 ވަނަ މިނެޓުގަ އެވެ. ޑަނިއެލް ވަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ވެލެންސިއާ އަށް ލީޑު ނަގައިދިނީ ސޮލާ އެވެ.

ސޮލާ ޖެހި ލަނޑުން ވެލެންސިއާ އިން ތިން ޕޮއިންޓާއި ދިމާލަށް ދަތުރު ކުރަމުން ދަނިކޮށް ރެއާލް ސަލާމަތްކޮށްދިނީ އިތުރު ވަގުތުގައި ކަރިމް ބެންޒެމާ އެވެ. އޭގެ ކުރިން ރެއާލުން އުފެއްދި ހަމަލާއެއްގައި ލޫކާ ޖޮވިޗް ވެލެންސިއާގެ ގޯލު ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ވަނީ އެ ލަނޑު ބާތިލް ކޮށްފަ އެވެ.