ސަރުކާރުން މާލޭގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލުގެ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެ ސްވިމިން ޕޫލު ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ކުރީގެ އެއް ނަންބަރު ކުނިކޮށީގައެވެ. ޔޫތް މިނިސްޓްރީ އިން ވިދާޅުވެފައިވާ ގޮތުގައި މިހާރު ކުރަމުން ދަނީ ސްވިމިން ޕޫލު ގަާއިމް ކުރުމަށް ނިންމާފައިވާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތެވެ.

މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ މި މަސައްކަތް ފެށުމަށް ލަސްވެފައި ވަނީ އެބިމަކީ އެހެން ބަޔަކަށް ދީފައި އޮތް ތަނެއް ކަމުން އެތަނުގެ މައްސަަލައެެއް އާބިޓްރޭޝަނުގައި އޮތުމުންނެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ އެ ތަނުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އަންނަ އަހަރު އެތަން ނިންމައި 45 ވަނަ ގައުމީ ސްވިމިން ކޮމްޕެޓިޝަން އެތަނުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ތަގުރީރު ކުރައްވަމުން ކުޅިވަރަށް ހުރި ކަންކަން ފާހަގަ ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ މާލެ ސަރަޙައްދުގައި އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލެއް ހެދުމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަސައްކަތް އޭރު ކުރިއަށްދާކަމަށާއި، މި އަހަރުގެ ތެރޭގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ.