އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ އެވަޓަން އަތުން ޗެމްޕިއަން މެންޗެސްޓާ ސިޓީ މުހިއްމު މޮޅެއް ހޯދައިފި އެވެ.

އެތިހާދުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބުކުރީ 2-1 އިންނެވެ. މި ނަތީޖާއާއެކު ލީގް ތާވަލުގެ ދެ ވަނައިގައި އޮތް ސިޓީ ވަނީ 21 މެޗުން 44 ޕޮއިންޓް ހަމަކޮށްފަ އެވެ. ސިޓީ އާއި ތާވަލުގެ ލީޑު ކުރަމުން އަންނަ ލިވަޕޫލާއި ދެމެދުގައި މިވަގުތު އޮތީ 12 ޕޮއިންޓުގެ ފަރަގެކެވެ. ނަމަވެސް ސިޓީ ވަނީ ލިވަޕޫލަށް ވުރެ އިތުރަށް ދެ މެޗު ކުޅެފަ އެވެ.

ރޭ އެވަޓަން އާއި ދެކޮޅަށް ޕެޕް ގާޑިއޯލާ ނެރުނު ފުރަތަމަ އެގާރައިން ރަހީމް ސްޓާލިން ބާކީވި އިރު އޭނާގެ ބަދަލުގައި ކުރިއަށް ކުޅުނީ ޒުވާން ފިލް ފޮޑެން އެވެ. ތަޖުރިބާކާރު ފޯވަޑް ސާޖިއޯ އަގުއެރޯގެ ބަދަލުގައި ގެބްރިއެލް ހެސުސް އަށް ގާޑިއޯލާ ފުރުސަތު ދިން އިރު ޓީމުގެ ފަހަތުން ގޯލު ބެލެހެއްޓީ ކްލައުޑިއޯ ބްރާވޯ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ސިޓީ އިންނެވެ. ފުރަތަމަ ލަނޑު ދެ ވަނަ ހާފުގެ 51 ވަނަ މިނެޓުގައި އިކޭ ގުންޑޮގަންގެ އެހީތެރިކަމާއެކު ޖެހީ ހެސުސް އެވެ. އޭގެ ހަތް މިނެޓް ފަހުން ރިޔާދު މަހްރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ހެސުސް ވަނީ ދެ ވަނަ ލަނޑު ޖަހައި ސިޓީގެ ލީޑު ފުޅާކޮށްދީފަ އެވެ. މިއީ 22 އަހަރުގެ ބްރެޒިލް ފޯވަޑް މި ސީޒަނުގައި ކާމިޔާބުކުރި 8 ވަނަ ލީޑު ލަނޑެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ކީޕަރު ބްރާވޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ރިޗާލިސަން އެވަޓަން އަށް ފަރަގު ކުޑަކޮށް ދިން ނަމަވެސް އޭގެ ފަހުން އެންޗެލޯޓީގެ ޓީމަށް ސިޓީގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ. މިއީ އެންޗެލޯޓީ އެވަޓަން އާއި ހަވާލުވުމަށްފަހު އެޓީމު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. އެވަޓަން އޮތީ 25 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގަ އެވެ.