ޔޫރަޕްގައި ކުޅެމުން އަންނަ ބްރެޒިލް ކުޅުންތެރިންގެ ތެރެއިން 2019 ވަނަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް އިންގްލަންޑުގެ ލިވަޕޫލްގެ އެއް ވަނަ ކީޕަރު އެލިސަން ބެކާ ހޮވިއްޖެ އެވެ.

ސަމްބާފުޓް ކޮމްޕެނީގެ ފަރާތުން 2008 ވަނަ އަހަރުން ފެށިގެން ދެމުން އަންނަސަމްބާ ގޯލްޑް އެވޯޑް” އެލިސަން ޙާސިލްކުރީ ފައިނަލް ވޯޓުގެ 34.54 ޕަސަންޓު ހޯދައިގެންނެވެ. ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ ލިވަޕޫލްގެ ފޯވަޑް ރޮބާޓޯ ފިރްމީނޯ އަށެވެ. ތިން ވަނަ ހޯދީ ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ)ގެ ޑިފެންޑަރު ތިއާގޯ ސިލްވާ އެވެ.

އިޓަލީގެ ރޯމާ އިން ލިވަޕޫލަށް 2018 ވަނަ އަހަރު ބަދަލުވި އެލިސަން ވަނީ ފާއިތުވެދިޔަ އަހަރުގައި ކްލަބު ލެވެލްގައްޔާއި ގައުމީ ފެންވަރުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން ޕްރިމިއާ ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގޯލްޑެން ގްލޯވް އާއި އަމިއްލަ ފަސްގަނޑުގައި މިދިޔަ އަހަރު އޮތް ކޮޕާ އެމެރިކާގެ ގޯލްޑެން ގްލޯވް ވެސް ޙާސިލްކުރީ އެލިސަން އެވެ.

ލިވަޕޫލް ޖާޒީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެލިސަން އަށް އަނިޔާގެ ސަބަބުން މި ސީޒަނުގެ ގިނަ މެޗުތަކެއް ގެއްލުނު ނަމަވެސް އޭނާ މިހާރު ވަނީ އެނބުރި ކުޅުމުގެ ތެރެއަށް އައިސްފަ އެވެ.