އިންގްލަންޑުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ބްރެޒިލް މިޑްފީލްޑަރު ފަނަންޑީނިއޯ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި މިރޭ ޕޯޓް ވޭލް އާއި ދެކޮޅަށް ސިޓީ ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ސިޓީގައި އޭނާ ހޭދަކުރި ދުވަސްތަކުގައި 34 އަހަރުގެ ފަނަންޑީނިއޯގެ ހުނަރު އެނގިއްޖެ ކަމަށާއި އޭނާ އަކީ ސިޓީގެ ތާރީހުގައި ވެސް އެޓީމަށް ކުޅެދިން އެންމެ މޮޅު އެއް ކުޅުންތެރިއާ ކަމަށެވެ.

އަހަރެން ބޭނުންވަނީ އޭނާ މި ކްލަބުގައި މަޑުކުރަން. ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް އެއްބަސްވުން އާކުރާނެ ކަމުގެ. ފަނަންޑީނިއޯ އާއެކު ސިޓީގައި އަހަރެން ހޭދަކުރި ތިން ވަރަކަށް އަހަރާއި މެދު އަހަރެން ފަހަރުވެރިވޭ. އޭނާ އަކީ ހުނަރުން ފުރިގެންވާ ކުޅުންތެރިއެއް. އޭނާ އަށް ވަރަށް ރަނގަޅަށް އިނގޭނެ އަހަރެމެން އޭނާ އާއި މެދު ދެކޭ ގޮތް. ސިޓީގެ ތާރީހުގައި ވެސް މި ކްލަބަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭ ފަނަންޑީނިއޯގެ ނަން ހިމެނޭނެ، “ ގާޑިއޯލާ ބުންޏެވެ.

ޔުކްރެއިންގެ ޝަޚްތަރް ޑޮންސްކް އިން 2013 ވަނަ އަހަރު ސިޓީ އަށް ބަދަލުވި ފަނަންޑީނިއޯ އަކީ ފަހުގެ ތާރީހެއްގައި ސިޓީން ހޯދާފައިވާ ގިނަ ކާމިޔާބީތަކުގެ ފަހަތުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި އެއް ކުޅުންތެރިއާ އެވެ. އޭނާ ވަނީ ސިޓީގެ ޖާޒީގައި ޕްރިމިއާ ލީގް ޗެމްޕިއަންކަން ތިން ފަހަރެއްގެ މަތިން ހޯދައިފަ އެވެ.