ކްލަބް ގްރީން ސްޓްރީޓްސް އަށް މި ސީޒަނުގައި ކުޅެމުން އައި ރިހާމް އަބްދުލް ގަނީ (ބޮބީ) އޭނާ ކުރިން ކުޅުނު ކްލަބް އީގަލްސް އަށް ބަދަލުވެއްޖެ އެވެ.

ބޮބީ، އީގަލްސް އަށް ބަދަލުވީ މި ސީޒަނުގެ ނިޔަލަށެވެ. ފުރަތަމަ ޑިވިޝަނުގައި ބޮބީ އެންމެ ފުރަތަނަ ކުޅެން ފެށީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ބަދަލުވެ ބޮބީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބޮބީ ވަނީ މިދިޔަ މަހު ނޭޕާލުގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅެފަ އެވެ.

އުމުރުން 22 އަހަރުގެ ބޮބީ އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އީގަލްސް އިން ގެނައި ތިން ވަނަ ކުޅުންތެރިޔާ އެވެ. އީގަލްސް އިން ވަނީ ނިލަންދޫ އަށް ކުޅުނު ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ (ޓޮޝީ) އާއި ފޯކައިދޫގެ ހަސަން ނަޒީމް (ޗޯޓު) މީގެ ކުރިން އެ ޓީމަށް ގެނެސްފަ އެވެ.

އީގަލްސް އަށް ބޮބީ ކުޅޭނެ ފުރަތަމަ މެޗަކީ އަންނަ ބުރާސްފަތި ދުވަހު ޓީސީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗަށް އީގަލްސްގެ ޓޮޝީކީ އާއި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ.