ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އިން އިންގްލަންޑުގެ މެންޗެސްޓާ ސިޓީ އަށް އިރުޝާދު ދެމުން އަންނަ ކޯޗު ޕެޕް ގާޑިއޯލާ ހޯދުމުގެ މަސަތްކަތް ކުރަމުން އަންނަ ކަމުގެ އަޑު ފެތުރެން ފަށައިފި އެވެ.

އިނގިރޭސި މަޝްހޫރު ނޫސް މަޖައްލާ ކަމަށްވާ ޑެއިލީ މެއިލްގައި ބުނެފައިވާ ގޮތުން ޕީއެސްޖީގެ މިހާރުގެ ކޯޗު ތޯމަސް ޓުޗެލް އަށް ފަހު ދެން އެ ކްލަބުގެ އަމާޒު ހުރީ ގާޑިއޯލާ އާއި ކްލަބު ހަވާލު ކުރުމަށެވެ. އެގޮތުން ގާޑިއޯލާ ޕެރިހަށް ގެންދިއުމަށް އޭނާ އަށް ޕީއެސްޖީން ބޮޑު ބޮޑު ކޮންޓްރެކްޓެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޖަރުމަނުގެ ބަޔާން މިއުނިކް އަށް ކޯޗުކަން ކޮށްދިނުމަށްފަހު ގާޑިއޯލާ ސިޓީ އަށް ބަދަލުވީ 2016 ވަނަ އަހަރުގަ އެވެ. އޭގެފަހުން އޭނާގެ އިރުޝާދުގެ ދަށުން ސިޓީން ވަނީ މުޅިއެކު ހަތް މުބާރާތް ކާމިޔާބުކޮށްފަ އެވެ. މިދިޔަ ދެ އަހަރު ޕްރިމިއާ ލީގު ތަށި ސިޓީން އުފުލާލި ނަމަވެސް މި ސީޒަނުގައި އެކަން ކުރުމުގެ ފުރުސަތު ވަރަށް ހަންޏެވެ. ލީގުގައި ރޭ ޕަލަސް އަތުން އެއްވަރުވުމުން ތާވަލުގެ އެއްވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ.

ޕީއެސްޖީން ގާޑިއޯލާ ގެންދަން އުޅޭ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް އޭނާ ވަނީ އަންނަ ސީޒަނުގައި ވެސް މެންޗެސްޓާ ސިޓީގައި ދެމި ހުންނާނެ ކަމަށް ދާދި ފަހުން ބުނެފަ އެވެ. މި ދޭތެރެއަކުން ގާޑިއޯލާ އެނބުރި ސްޕެއިންގެ ބާސެލޯނާ އަށް ދާން އުޅޭކަމުގެ އަޑުތައް ވެސް ގަދަވި އެވެ. އެކަމަކު ބާސާ އިން ވަނީ ރެއާލް ބެޓިސްގެ ކުރީގެ ކޯޗު ކުއިކީ ސެޓިއެންއާ އެ ޓީމު ހަވާލުކޮށްފަ އެވެ.