ޤައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޝްހޫރު ކޯޗް، އަލީ ސުޒޭން ހަމަޖައްސައިފިއެވެ.

ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ސުޒޭން ހަމަޖައްސާފައިވާއިރު، ޓީމުގެ ކޯޗަކަށް ދާދިފަހުން ވަނީ ނެދަލެންޑްސްގެ ކޯޗު މާޓިން ކޫޕްމަން އައްޔަނުކޮށްފައެވެ.

ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަޤާމަށް ސުޒޭން މިރޭ ހަމަޖައްސާފައި ވާއިރު، މީގެ ކުރިންވެސް ސުޒޭން އެ މަޤާމުގައި ޤައުމީ ޓީމާއި ގުޅުނެވެ. މީގެ ކުރިން 2007 ވަނަ އަހަރު ޤައުމީ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަންވެސް ސުޒޭން ވަނީ ކޮށްފައެވެ.

ކޯޗިންގް ކެރިއަރު 2000 ގެ ކުރީކޮޅުގައި ފެށި ސުޒޭން ވަނީ ކްލަބް ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ކޯޗިންގް ކެރިއަރު ވިކްޓްރީ ސްޕޯޓްސް ކްލަބުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ފަށައި ފަހުން ހެޑް ކޯޗުގެ މަގާމުގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު ސުޒޭން ކްލަބާ ވަކިވީ 2012 ވަނަ އަހަރުގައެވެ.

ސުޒޭން ވަނީ ވިކްޓްރީ އަށް ދިވެހި ލީގާއި ކަޕް ވިނާސް ކަޕްގެ އިތުރުން ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ. އޭގެ ފަހުން އެފްއޭއެމްގެ ކުރީގެ ރައީސް އިލްހާމް އަހްމަދުގެ ދައުރުގައި، ގައުމީ ޓީމުގެ ޑިރެކްޓަރުގެ މަގާމު އަދާކުރުމަށްފަހު 2014 ވަނަ އެނބުރި ކޯޗިންގް ތެރެއަށް އައިސް ސުޒޭން އެންމެ ފުރަތަމަ އިރުޝާދު ދިނީ މާޒިޔާ އަށެވެ. މާޒިޔާ އަށް ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްދިނުމަށްފަހު ގްރީން އަށް ބަދަލު ވުމުގެ ކުރިން ސުޒޭން ވަނީ ވިކްޓްރީ އާއި ގދ. ތިނަދޫ ޓީމުގައި ވެސް މަސަތްކަތްކޮށްފައެވެ.

ސުޒޭން ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވެސް ގައުމީ ޓީމުގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ސުޒޭން މިދިޔަ ދެ އަހަރު ކޯޗުކޮށްދިން ކްލަބް ގްރީން ސްޓްރީޓްސް އިން ވަނީ އޭނާގެ އެއްބަސްވުން މިދިޔަ ބުރާސްފަތި ދުވަހު އުވާލައިފަ އެވެ. ގްރީންއާއެކު ސުޒޭންގެ ފުރަތަމަ ސީޒަނުގައި ދިވެހި ލީގު ފަސްވަނައިގައި އެޓީމުން ނިންމާލި އިރު މިފަހަރު ގްރީން ނިންމާލީ ހަތަރުވަނައިގައި އޮވެއެވެ.