ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް އިން ލާމު އަތޮޅަށް އަމާޒުކޮށްގެން ބާއްވާ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖްގައި އިއްޔެ ކުޅުނު މެޗުތަކުން ލާމު ބްލޫސް، އައުޓްރީފް ސްޕޯޓްސް ކްލަބް، ފޮނަދޫ ޔޫތު އެސޯސިއޭޝަން އަދި ލެކްރޮސް ސްޕޯޓްސް ކްލަބް މޮޅުވެއްޖެއެވެ.

ފޮނަދޫ މެދު އަވަށު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ލާމު ބްލޫސް އާއި އައުޓްރީފް އެފްސީ އެވެ. މި މެޗު ލާމު ބްލޫސް އިން ކާމިޔާބުކުރީ 11-3 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ 2 ލަނޑު ޖެހި ލާމު ބްލޫސްގެ ޖާޒީ ނަންބަރު 09 އިސްމާއިލް މުނީޒް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ލެކްރޮސް ސްޕޯޓްސް ކްލަބުން ވަނީ ކަންމަތި އެފްސީގެ މައްޗަށް 6-1 އިން ކުރިހޯދައިފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ލެކްރޮސްގެ ޖާޒީ ނަންބަރު 06 ހުސެއިން ޝަރީފް (އޮންލީ) އެވެ. އޮންލީ ވަނީ މި މެޗުގައި ދެ ލަނޑު ޖަހައިފައެވެ. ފުޓްސަލްގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ގިނަ ތަރިންނާއެކު މި މުބާރާތާ ކުރިމަތިލި ލެކްރޮސް ކުޅުނު ފުރަތަމަ މެޗުގައި އައުޓްރީފް ސްޕޯޓްސް ކްލަބާ ވާދަކޮށް ވަނީ 2-1 އިން ބަލިވެފައެވެ.

ރޭ ކުޅުނު ތިންވަނަ މެޗުގައި ވާދަކުރީ ފިލޮސް އާއި ފޮނަދޫ ޔޫތު އެސޯސިއޭޝަން އެވެ. މި މެޗު ފޮނަދޫ ޔޫތު އެސޯސިއޭޝަނުން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އެފް ވައި އޭގެ ޖާޒީ ނަންބަރު 07 އަލީ ޝާމް އެވެ. ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ އައުޓްރީފް ސްޕޯޓްސް ކްލަބާއި މާވަށު ފުޓްސަލް ޓީމެވެ. މި މެޗު އައުޓްރީފުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 8-2 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައުޓްރީފްގެ ޖާޒީ ނަންބަރު 10 އަޔާޒް އަހުމަދު (އަޔާ) އެވެ. އަޔާ ވަނީ މި މެޗުގައި 5 ލަނޑު ޖަހައިފައެވެ.

މި މުބާރާތުގައި މިއަދު ވެސް ހަތަރު މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކަންމަތި ސްޕޯޓްސް ކްލަބާއި ސިކްސް ސެންސަސް ލާމު އެވެ. އަދި ރޭގަނޑު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ފްރެގްމެންޓްސް އާއި ހިތަދޫ އެފްސީ އެވެ. ތިންވަނަ މެޗުގައި ހޭޅި އާއި ރެޑްބުލް ސްޕޯޓްސް ކްލަބް ވާދަކުރާއިރު ފަހު މެޗުގައި ލާމު ޔޫތު ޑިވެލޮޕްމެންޓް ނުކުންނާނީ ކްލަބް 2 އެތްލެޓިކްސްއާ ދެކޮޅަށެވެ.

ޖުމްލަ 16 ޓީމާއެކު ފެށި މި މުބާރާތުގެ ޗެންޕިއަންކަން ހޯދާ ޓީމަކަށް ބައިލައްކަ ރުފިޔާ (50،000 ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޗެންޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ އެ ވަނަ އަށް ޚާއްސަކޮށް ފަރުމާ ކުރެވިފައިވާ ތައްޓެއް ކަމަށް ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބުން މައުލޫމާތުދެވެ. މުބާރާތުގެ ރަނަރަޕް ޓީމަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމަކީ 15،000 ރުފިޔާގެ އެވެ.