ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް އިން ލާމު އަތޮޅަށް އަމާޒުކޮށްގެން ބާއްވާ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖްގައި އިއްޔެ ކުޅުނު މެޗުތަކުން އައުޓްރީފް ސްޕޯޓްސް ކްލަބް، އައުޓްރީފް އެފްސީ، ލެކްރޮސް ސްޕޯޓްސް ކްލަބް އަދި ލާމު ބްލޫސް މޮޅުވެއްޖެއެވެ.

ފޮނަދޫ މެދު އަވަށު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ކަންމަތި އެފްސީއާ އައުޓްރީފް ސްޕޯޓްސް ކްލަބެވެ. މި މެޗު އައުޓްރީފުން ކާމިޔާބުކުރީ 6-1 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ހެޓްރިކް ހެދި އައުޓްރީފްގެ ޖާޒީ ނަންބަރު 11 އަބްދުﷲ ޒިޔާން އެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ އައުޓްރީފް އެފްސީއާ ފޮނަދޫ ޔޫތު އެސޯސިއޭޝަން އެވެ. މި މެޗު އައުޓްރީފް އެފްސީން ކާމިޔާބުކުރީ 7-1 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އައުޓްރީފްގެ ޖާޒީ ނަންބަރު 02 އަހުމަދު އައިހަމް އެވެ. އައިހަމް ވަނީ މި މެޗުގައި ހެޓްރިކެއް ހަދައިފައެވެ. ރޭ ކުޅުނު ދެވަނަ މެޗުގައި ލެކްރޮސް ސްޕޯޓްސް ކްލަބުން ވަނީ މާވަށު ފުޓްސަލް ޓީމުގެ މައްޗަށް 8-2 އިން ކުރިހޯދައިފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ލެކްރޮސްގެ ޖާޒީ ނަންބަރު 97 އަބްދުﷲ ޝާފިއު އެވެ. އޭނާ ވަނީ މެޗުގައި 4 ލަނޑު ޖަހައިފައެވެ. ރޭގެ ފަހު މެޗުގައި ފިލޮސް އެފްސީގެ މައްޗަށް ލާމު ބްލޫސް އިން ކުރިހޯދީ 11-0 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 4 ލަނޑު ކާމިޔާބުކުރި ލާމު ބްލޫސް ޓީމުގެ ޖާޒީ ނަންބަރު 09 އިސްމާއިލް މުނީޒް އެވެ.

މި މުބާރާތުގައި މިއަދު ވެސް ހަތަރު މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް 2 އެތްލެޓިކްސްއާ ހިތަދޫ އެފްސީއެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރެޑްބުލް އެފްސީއާ ސިކްސް ސެންސަސް ލާމު އެވެ. ދެވަނަ މެޗުގައި އެފްސީ ފްރެގްމެންޓްސްއާ ލާމު ޔޫތު ޑިވެލޮޮޕްމެންޓް ވާދަކުރާއިރު ތިންވަނަ މެޗުގައި ހޭޅި ނުކުންނާނީ ކަންމަތި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ޖުމްލަ 16 ޓީމާއެކު ފެށި މި މުބާރާތުގެ ޗެންޕިއަންކަން ހޯދާ ޓީމަކަށް ބައިލައްކަ ރުފިޔާ (50،000 ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޗެންޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ އެ ވަނަ އަށް ޚާއްސަކޮށް ފަރުމާ ކުރެވިފައިވާ ތައްޓެއް ކަމަށް ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބުން މައުލޫމާތުދެވެ. މުބާރާތުގެ ރަނަރަޕް ޓީމަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމަކީ 15،000 ރުފިޔާގެ އެވެ.