ޕޯޗްގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސީނިއާ ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު 1000 ވަނަ މެޗުގައި ސްޕަލް ކޮޅަށް ލަނޑު ޖަހައި ޔުވެންޓަސް މޮޅުކޮށްދީފިއެވެ.

އިޓާލިއަން ލީގުގައި ތާވަލުގެ ފުލުގައި އޮތް ސްޕަލްއާ ދެކޮޅަށް ރަށުން ބޭރުގައި ރޭ ކުޅުނު މެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ 1-2 އިންނެވެ. މި މޮޅާއެކު ޔުވެންޓަސް އަށް ވަނީ ތާވަލުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެކަމަކު މިރޭ ތާވަލުގެ ދެ ވަނައިގައި އޮތް ލާޒިއޯ އިން ޖެނޯއާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ ޔުވެންޓަސްގެ ލީޑު އެއް ޕޮއިންޓަށް ކުޑަ ވެގެންދާނެ އެވެ. ލާޒިއޯ މިވަގުތު ދެވަނައިގައި އޮތީ 56 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތީ 54 ޕޮއިންޓާއެކު އިންޓަ މިލާންއެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ޔުވެންޓަސް އަށް ލީޑު ހޯދައިދިނީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައެވެ. އޭގެ ފަހުން ޔުވެންޓަސް އިން ޖެހި ދެވަނަ ލަނޑަކީ ދެވަނަ ހާފުގެ 60 ވަނަ މިނެޓްގައި ޕައޮލޯ ދިބާލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އާސެނަލްގެ ކުރީގެ މިޑްފީލްޑަރު އެއަރޮން ރަމްސީ ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗްގައި ސްޕަލް އަށް ސުން ކަނޑުވައިދިނީ 69 ވަނަ މިނެޓްގައި އަންޑްރޭ ޕެޓާނާއެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ލަނޑަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ޖެހި 725 ވަނަ ލަނޑެވެ. ފުޓްބޯޅަ ކެރިއަރު އުފަން ގައުމުގެ ކްލަބެއް ކަމަށްވާ ސްޕޯޓިންގް ލިސްބަން އިން ފެށި ރޮނާލްޑޯ ވަނީ އެ ކްލަބަށް 31 މެޗު ކުޅެދީފައެވެ. އޭގެ ފަހުން އުމުރުން އެންމެ 18 އަހަރުގައި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ ރޮނާލްޑޯ ވަނީ އެ ކްލަބާއެކު ލީގު ތަށި ތިން ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ. 2008 ވަނަ އަހަރުގެ ސީޒަނާއި ހަމައަށް ޔުނައިޓެޑްގެ ޖާޒީގައި 292 މެޗު ކުޅެދިނުމަށް ފަހު 2009 ވަނަ އަހަރު ރޮނާލްޑޯ ބަދަލުވީ ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑަށެވެ.

މެޑްރިޑްގައި ހޭދަކުރި ނުވަ ސީޒަން ރޮނާލްޑޯ ވަނީ 438 މެޗް ކުޅެދީ ރެއާލް އަށް 450 ލަނޑު ކާމިޔާބުކޮށްފައެވެ. އެ ކްލަބާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ލީގު ތަށި ދެ ފަހަރު ކާމިޔާބުކޮށްފައެވެ. ފަސް އަހަރު ތެރޭ ރެއާލް އާއެކު ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކުރުމަށް ފަހު ރޮނާލްޑޯ 2018 ވަނަ އަހަރު އެޓީމު ދޫކޮށްލީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލު ވުމަށެވެ. ރޭގެ މެޗާއެކު ޔުވެންޓަސްގެ ޖާޒީގައި މިހާތަނަށް 72 މެޗު ހަމަކޮށްފައިވާ ރޮނާލްޑޯ ވަނީ އެ ކްލަބާއެކު މިދިޔަ ސީޒަނުގެ ލީގު ތަށި ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޭން

    ރޮނާލްޑޯ ބުނެފަ އޮންނާނެ ޔުއާރ ލަވް މޭކްސް މީ އިސްޓްރޯންގް އޭ ޔުއާރ ހޭޓް މޭކްސް މީ އަން އިސްޓޮޕަބުލް އޭ މި ސީޒަން ފެޝުނު ފަހުން ކިންގް މައިތިރިއެއް ނުވޭ ކީޕިޓް އަޕް ކިންގް ރެކޯޑް އާފްޓާރ ރެކޯޑް

    9
    7
  2. ޕެނާލް ދޯ؟

    ތިކަހަލަ ތާކުން ތާކު ނުޖެހޭ ރިކޯޑް ނިހެދިއްޔާ ރަނގަޅީ. އެއްމެ ގިނަ މެޗާ 35 އަހަރުންމަތީގެ އެއްމެ އުއްމީދީ ކުޅުންތެރިޔާގެ ރެކޯޑާ ... ގޯލް ލައިން މަތީގަ އޮވެ ނިދާބަ.

    2
    5