ށ. ފޯކައިދޫ ފުޓްބޯޅަ ޓީމު ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ގައުމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ކުއާޓާ ފައިނަލް މެޗު ދަ ގްރާންޑޭ އިން ކާމިޔާބުކުރީ 3-0 އިންނެވެ.

ދަ ގްރާންޑޭ ސެމީ ފައިނަލުގައި ނުކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ ޕެނަލްޓީ ޖަހައިގެން ކްލަބް ގްރީން ސްޓްރީޓްސް ބަލިކުރި މާޒިޔާ އާ އެވެ. މި މަހުގެ 16 ވަނަ ދުވަހު މިދެޓީމު ސެމީގައި ވާދަކުރާއިރު އަނެއް ސެމީގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ ޓީމެއް ކަށަވަރުވާނީ މިރޭ ކްލަބް އީގަލްސްއާ ވިލިމާލެ ޔުނައިޓެޑް ވާދަކުރާ ކުއާޓާ ފައިނަލުގެ ފަހު މެޗަށް ފަހު އެވެ.

ފޯކައިދޫ ފުޓްބޯޅް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި ދަ ގްރާންޑޭ އިން ޖެހި ފުރަތަމަ ގޯލު ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޮލާލް ނަސީރު އެވެ. ދެ ވަނަ ހާފުގައި ދަ ގްރާންޑޭގެ ލީޑު ފުޅާކޮށްދިން ގޯލުތައް ޖަހައިދިނީ އިރާގުގެ ފޯވާޑް އޮބައިދާ ކަދޫމް އަހުމަދު އެވެ. ފުރަތަމަ ގޯލު އޮބައިދާ ޖެހީ ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ޔަސްފާދު ހަބީބު (މުލަކޭ) ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އޮބައިދާގެ ދެވަނަ ގޯލު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައ ވަނިކޮށެވެ.

ސީޒަނުގައި ދަ ގްރާންޑޭ އަށް ބާކީ އޮތީ ހަމައެކަނި އެފްއޭ ކަޕެވެ. ލީގުގެ ގަދަ ހަތަރެއްގައި ނުހިމެނުމުން ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުން އެޓީމަށް ފުރުސަތެއް ނުލިބުނެވެ. ގަދަ ހަތަރެއްގައި ނުހިމެނުމުގެ ސަބަބުން ފޯކައިދޫ އަށް މިހާރު ވަނީ ސީޒަން ނިމިފަ އެވެ.

މި އަހަރު އެފްއޭ ކަޕް މި ބާއްވަނީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ. އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގެ ކޮލިފައިންގް ބުރުން ފުރުސަތު ލިބޭނެ އެވެ. އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން މިފަހަރު ފުރުސަތު ލިބުނީ ލީގު ޗެމްޕިއަނުންގެ ހައިސިއްޔަތުން މާޒިޔާ އަށެވެ. މާޒިޔާ އިން މިފަހަރުގެ އެއްފޭ ކަޕް ކާމިޔާބުކޮށްފި ނަމަ އޭއެފްސީ ކަޕްގެ ކޮލިފައިން ބުރަށް ދާނީ ލީގުގެ ދެ ވަނަ ހޯދި އީގަލްސް އެވެ.