މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) ގެ އަހަރީ އާއްމު ޖަލްސާ މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ރަށުގެ ޝަރަފް ބ.އަތޮޅު ގޮއިދޫ އަށް ލިބިއްޖެއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ތާރީޚުގައި އަތޮޅު ތެރޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް، އެ ކޮމެޓީގެ އަހަރީ އާއްމު ޖަލްސާ ގޮއިދޫގައި ބޭއްވީ ކުޅިވަރުގެ މައިދާނުގައި އެރަށުން ހޯދާފައިވާ ކާމިޔާބުތަކާއި މިހާރުވެސް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ނެވެ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން ގޮއިދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ވަނީ މެހެމާނުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާ މެހެމާންދާރީ އަދާކުރުމުގައި ނަމާނާ ދައްކާފައެވެ.

އެމްއޯސީގެ އަހަރީ އާންމު ޖަލްސާ ފެނިގެން މިފަހަރު ފެނިގެން ގޮސްފައިވަނީ ހުރިހާ ގޮތަކުންވެސް ތަފާތު ގޮތަކަށެވެ. މީގެ ކުރިން ކޯޓް ފަޓްލޫނުގައި ކުރިޔަށް ގެންދާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި އެސޯސިއޭޝަންތަކުގެ ވެރިންނާއި އެމްއޯސީގެ ވެރިން ތުރު ކުރައްވާފައި ވަނީ އޮލިމްޕިކް ކުލަތައް ރަމްޒުކޮށްދޭ ޓީޝާޓްތަކުގައެވެ.

ގޮއިދޫ ރައްޔިތުންގެ އެކުވެރިމާއެކު އެރަށުގެ ކުލަތައް ޖެހިގެން ކުރިއަށް ގެންދިޔަ ޖަލްސާގައި މި އަހަރު އެ އެސޯސިއޭޝަނަށްގެ ބަޖެޓް ފާސްކޮށްފައި ވެއެވެ. ބަޖެޓްގައި 48.8 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އިރު، މިއަހަރަށް ހިނގާނެ ޚަރަދުތަކުގެ ގޮތުގައި 46.1 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލްގެ އޮލިމްޕިކް ސޮލިޑާރިޓީގެ ދަށުން ލިބޭ 17 މިލިއަން ރުފިޔާ އާއި އޮލިމްޕިކް ކައުންސިލުން ދޭ 1.3 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އަދި އިދާރީ ކަންކަމަށް ހޭދަ ކުރުމަށާއި އެހެނިހެން ޚަރަދުތަކަށް ސަރުކާރުން އެހީގެ ގޮތުގައި ދޭން ނިންމާފައިވާ 501،150 ރުފިޔާ، ގޭމްސްތަކަށް 9.8 މިލިއަން ރުފިޔާ، ތަމްރީންތަކަށް 13 މިލިއަން ރުފިޔާ އާއި އެތުލީޓުންގެ ތައުލީމަށް ހޭދަކުރުމަށް ނިންމާފައިވާ 678،480 އެމްއޯސީގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ.

ގޮއިދޫގައި ކުރިއަށް ދިޔަ އެމްއޯސީގެ ޖަލްސާގައި ވަނީ ކުޅިވަރު ގޭމްސްތަކުގައި ޗެފް ޑި މިޝަނަރުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަދާނީ ލިޔުން ހަވާލުކޮށްފައެވެ. އަދި އޮލިމްޕިކް ކޮމިޓީތަކުން ކުޅިވަރުގެ އިދާރީ މީހުން އުފެއްދުމަށް ހިންގާ އެޑްވާންސް ކޯސްތަކުގައި ކިޔަވައިދިނުމުގެ ސަނަދު ތިން ފަރާތަކަށް ވަނީ ދީފައެވެ. އަދި 2020 ވަނަ އަހަރު ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސްގައި ރާއްޖެއިން ތަމްސީލް ކުރާ އެތްލީޓުންގެ ތެރޭގައި ހިމެނޭ ދުވުންތެރިޔާ މުހައްމަދު ނާއިލް އާއި ދެ ފެތުންތެރިން ކަމަށްވާ މުބާލް އައްޒާމް އަދި އައިޝަތު ސާޖިނާ އަށް ސްކޮލަޝިޕް ދޭން ނިންމާ އެކަމުގެ ލިޔުން ވަނީ އެ އެތްލީޓުންނާއި ހަވާލުކޮށްފައެވެ

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއަށް ފަހު އޮލިމްޕިކް ކޮމިޓީ އާއި އެސޯސިއޭޝަންތަކުގެ އިސްވެރިން ވަނީ ގޮއިދޫ ރައްޔިތުންނާ އެކު ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.

އެގޮތުން އެސޯސިއޭޝަން ތަކުގެ ވެރިން ގްރުޕޫތަކަށް ބަހާލުމަށްފަހު މުބާރާތްތަކެއްގެ ގޮތުގައި ބޭއްވި ފުޓްބޯޅަ، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ފެތުން، ބަށި، ބައިސިކަލް ރޭސްފަދަ ކުޅިވަރުތަކުގެ އެކިއެކި އިވެންޓްތަކުގައި ގޮއިދޫގެ ކުދިބޮޑު ރައްޔިތުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.

އެމްއޯސީގެ އަހަރީ އާއްމު ޖަލްސާއަށްފަހު އެ އިދާރާއިން ވަނީ ގޮއިދޫގައި ސްކޭޓް ޕާކެއް އެޅުމަށް ނިންމާ އެތަނުގެ ބިންގާ އަޅާފައެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ އެކިއެކި ކުޅިވަރު ކުޅޭނެ އާލާތްތައް ގޮއިދޫއަށް ހަދިޔާކޮށްފައެވެ

ޖަލްސާގައި ދާދި ފަހުން ނިޔާވި ރާއްޖޭގެ ކުރީގެ ކުޅިވަރު ތަރި ސައްޔިދު ހަސަންގެ ހަނދާނުގައި ސުކޫތެއް ގެނެސް ކުޅިވަރުގެ ލެޖެންޑާ ބެހޭ ވީޑިއޯ ރިޕޯޓެއް ވަނީ ދައްކާފައިވާ އިރު، ތަފާތު ކުޅިވަރުތަކުން ގޮއިދޫއަށް ލިބިފައިވާ ރަންވަނަތަކާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައެވެ.