ތަފާތު ބޮޑު އެގްރިގޭޓް ނަތީޖާއަކުން ސްޕެއިންގެ ވެލެންސިއާ ބަލިކޮށް އިޓަލީގެ އެޓަލަންޓާ އިން ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ޖާގައެއް ހޯދައިފިއެވެ.

އެޓަލަންޓާ ކުއާޓާ އަށް ދަތުރު ކުރީ ވެލެންސިއާގެ މައްޗަށް 8-4 ގެ އެގްރިގޭޓުން ކުރިހޯދަައިގެންނެވެ. ދެވަނަ ބުރުގެ ފުރަތަމަ ބުރުގައި މި ދެޓީމު އިޓަލީގައި ކުޅުނު މެޗު އެޓަލަންޓާ އިން ކާމިޔާބުކުރީ 4-1 އިންނެވެ. އަނެއްކޮޅުން ރޭ ސްޕެއިންގައި ކުޅެ ވާދަވެރި ކުޅުމަކަށްފަހު އެޓަލަންޓާ މެޗު ކާމިޔާބުކުރީ 4-3 އިންނެވެ.

ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ހެދި މި މެޗު ކުޅެފައިވަނީ ސަޕޯޓަރުން ނުވައްދައެވެ.

ސަޕޯޓަރުން ނެތި ހުސް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވެސް އެޓަލަންޓާ އިންނެވެ. މެޗު ފަށައިގެން 3 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން މި ގޯލު އެޓީމަށް ޖަހައިދިނީ ޖޮސިޕް އިލިސިޗް އެވެ. މިއީ އޭރިޔާ ތެރެއިން ސްލޮވީނިއާގެ ފޯވަޑަށް ވެލެންސިއާގެ ޑިފެންޑަރު މޫކްޓާރް ޑިއަޚަބީ ކުރި ފައުލެއްގެ ސަބަބުން ރެފްރީ އެޓަލަންޓާ އަށް ދިން ޕެނަލްޓީ އެކެވެ.

ވެލެންސިއާ އިން ނެތީޖާ އެއްވަރު ކުރީ 21 ވަނަ މިނެޓުގައި ކެވިން ގަމެއިރޯ ޖެހި ގޯލުންނެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އިލިސިޗް ވަނީ އިތުރު ގޯލެއް ޖަހައި އެޓަލަންޓާ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އިލިސިޗް މި ގޯލު ވެސް ޖެހީ ޕެނަލްޓީ އަކުންނެވެ. މިފަހަރު ޕެނަލްޓީ ލިބުނީ އޭރިޔާ ތެރެއިން ޑިއަޚަބީގެ އަތުގައި ބޯޅަ ޖެހުމުންނެވެ.

ދެވަނަ ހާފު ވަރުގަދަކޮށް ފަށައި ގަމެއިރޯގެ ދެވަނަ ގޯލުން ވެލެންސިއާގެ އިން ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކުރި އެވެ. އަދި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލެވޭތޯ ކުރިއަށް ޖެހިލައިގެން ކުޅެ އެޓަލަންޓާގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސަތްކަތް ކުރި އެވެ. ނަތީޖާއެއްގެ ގޮތުން 67 ވަނަ މިނެޓުގައި ފުރަތަމަ ފަހަރަށް ވެލެންސިއާ އިން ލީޑު ނެގިއެވެ. ޑަނީ ޕަރޭހޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ގޯލު ވެލެންސިއާ އަށް ޖަހައިދިނީ ފެރާން ޓޮރެސް އެވެ.

ޓޮރެސްގެ ގޯލުން ވެލެންސިއާ އަށް ކުރި ލިބުނު ނަމަވެސް އެޓީމު މާޔޫސްކޮށްލީ އަނެއްކާވެސް އިލިސިޗް އެވެ. 71 ވަނަ މިނެޓުގައި ދުވާން ޒަޕާޓާ ދިން ބޯޅައެއްގައި އިލިސިޗް އޭނާގެ ތިންވަަނަ ގޯލު ޖެހިއިރު މެޗުން އެޓަލަންޓާ މޮޅުކޮށްދިން ގޯލު އޭނާ ޖެހީ 82 ވަނަ މިނެޓުގައި ރެމޯ ފްރޫލާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އެޓަލަންޓާ އިން ޔޫރަޕްގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތުގެ ކުއާޓާގެ ޖާގައެއް ކަށަވަރުކުރި އިރު އެޓީމުން އަންނަނީ ލީގުގައިވެސް މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. 26 މެޗުން ހޯދި 48 ޕޮއިންޓާއެކު އެޓީމު އޮތީ ސެރިއާގެ ހަތަރު ވަނަ މަގާމުގައެވެ. ކޮވިޑް-19 ވައިރަހާއި ހެދި މިވަގުތު އިޓަލީ ލީގުގެ ކުޅުން ވަނީ މެދުކަނޑާލާފައެވެ.