އިންގްލޭންޑްގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިވަޕޫލް އަށް ކުޅޭ މިސްރުގެ ވިންގާ މުހައްމަދު ސަލާހު އަށް ލިބިއްޖެއެވެ.

މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ކުރިން ޗެލްސީ އަށް ވެސް ކުޅެފައިވާ ސަލާހު ހޯދީ މެންޗެސްޓަރ ސިޓީގެ ތިން ކުޅުންތެރިން ކަމަށްވާ، ކެވިން ޑެ ބްރައިނާ އާއި ޑޭވިޑް ސިލްވާ އާއި ލީރޯއި ސާނޭ އާއި އާއި ޓޮޓެންހަމްގެ ހެރީ ކޭންގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ ވާދަކޮށެވެ.

"ވަރަށް އުފާވެއްޖެ މި އެވޯޑު ލިބުނީމަ. މިއީ އަހަންނަށް ލިބުނު ޝަރަފެއް. މި އެވޯޑު މި ލިބުނީ ވަރަށް ބުރަކޮށް ކުރި މަސައްކަތުގެ ސަބަބުން. ޕްރިމިއަރ ލީގުން ފުރަތަމަ އަހަރެން ދިޔަ ފަހަރުވެސް އަހަރެން ހުރީ މި ލީގުގަ ކާމިޔާބީއެއް ހޯދަން ބޭނުންވެފަ. އަހަރެން އެނބުރި ޕްރިމިއަރ ލީގަށް މިއައީ ތަފާތު މީހެއްގެ ގޮތުގަ" ސަލާހު ބުންޏެވެ.

ސަލާހު އަށް މި އެވޯޑު ލިބުނުއިރު އޭނާ އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި ލިވަޕޫލް އަށް މިހާތަނަށް ކުޅެދިން 46 މެޗުގައި 41 ގޯލު ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން 2008 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ލިވަޕޫލް ގެންގޮސްދިނުމުގައި ވެސް ސަލާހުގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެއެވެ.

ޕީއެފްއޭއިން ހޮވި އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ މެންޗެސްޓަރ ސިޓީގެ ލީރޯއި ސާނޭއެވެ.

ސާނޭ އަށް މި އެވޯޑު ލިބުނީ މެންޗެސްޓަރ ސިޓީގެ ދެ ކުޅުންތެރިން ކަމަށްވާ ރަހީމް ސްޓާލިން އާއި އެޓީމުގެ ގޯލްކީޕަރު އެޑަސަން އާއި މެންޗެސްޓަރ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް އާއި ޓޮޓެންހަމްގެ ހެރީ ކޭންގެ އިތުރުން ފުލަމްގެ ރަޔަން ސެސެނޮންއާ ވާދަކޮށެވެ.

ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން މި ސީޒަނުގައި މެންޗެސްޓަރ ސިޓީ އިން ހޯދިއިރު އެޓީމަށް އެ ކާމިޔާބީ ހޯދައިދިނުމުގައި ސާނޭގެ ދައުރު ވަރަށް ބޮޑެވެ.

މީގެއިތުރުން ޕީއެފްއޭއިން ހޮވި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މިފަހަރު ލިބުނީ ޗެލްސީގެ އަންހެން ޓީމުގެ ފްރޭން ކާބީ އަށެވެ. އަދި އެންމެ މޮޅު ޒުވާން އަންހެން ކުޅުންތެރިޔާގެ މަގާމު ލިބުނީ ބްރިސްޓަލް ސިޓީގެ އަންހެން ޓީމުގެ ލޯރެން ހެމްޕް އަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މީގެއިތުރުން 2008 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ލިވަޕޫލް ގެންގޮސްދިނުމުގައި ވެސް ސަލާހުގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެއެވެ.
    *2018

  2. ޣފދގގގދ

    މީގެއިތުރުން 2008 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ލިވަޕޫލް ގެންގޮސްދިނުމުގައި ވެސް ސަލާހުގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެއެވެ.
    *2018