އިންގްލަންޑުގެ ޕްރޮފެޝަނަލް ޕްލޭޔާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން އިއްޔެ ނެރުނު ޓީމް އޮފް ދަ ސީޒަނުން ޖާގަ ނުލިބުމުން މެންޗެސްޓަ ސިޓީ އަށް ކުޅެމުން އަންނަ ފްރާންސްގެ ސެންޓަ ބެކް އައިމެރިކް ލަޕޯޓްގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެއެވެ.

ލިވަޕޫލް އަތްދަށުކޮށް ސިޓީން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕްރިމިއަ ލީގު ތަށި ހޯދިނަމަވެސް ޕީއެފްއޭ ޓީމް އޮފް ދަ ސީޒަނުގައި ހިމެނިފައިވަނީ އެ ޓީމުގެ ތިން ކުޅުންތެރިންނެވެ. ލިވަޕޫލުން ޑޮމިނޭޓް ކުރި މި ޓީމުގެ ގޯލްކީޕަރަކަށް އަލިސަން ބެކާ ހޮވުނުއިރު ކަނާތު ބެކަށް ހޮވުނީ ޓްރެންޓް އަލެގްޒަންޑާ އާނޯލްޑެވެ. ސެންޓަ ބެކުންގެ ގޮތުގައި ވާޖިލް ވެން ޑައިކް އަދި ޗެލްސީ އަށް ކުޅުނު އެންޓޯނިއޯ ރުޑިގާ ހޮވުނުއިރު މިޑްފީލްޑުން ޖާގަ ހޯދީ ތިއާގޯ އަލްކަންޓާރާ އަދި މެންޗެސްޓަ ސިޓީގެ ބެނާޑޯ ސިލްވާގެ އިތުރުން އެ ޓީމުގެ ކެވިން ޑިބްރޭނާ އެވެ. ކުރިއަށް ބަލާއިރު 18 ގޯލް ޖެހި ޔުނައިޓެޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނުނުއިރު ދެން ޓީމުން ޖާގަ ހޯދީ ލިވަޕޫލްގެ މުހައްމަދު ސަލާހް އަދި ސާޑިއޯ މާނޭ އެވެ.

ޕީއެފްއޭ އިން ރޭގެ ވަގުތެއްގައި ޓީމް އޮފް ދަ ސީޒަން އިއުލާނު ކުރުމާއެކު ލަޕޯޓް ވަނީ މިދިޔަ ސީޒަނުގައި ސްޓެޓިސްޓިކަލީ އޭނާ ކުރިހޯދާފައިވާ އޭރިއާ ތައް ހިމެނޭ ފޮޓޯ ތަކެއް އޭނާގެ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ލަޕޯޓަކީ މިދިޔަ ސީޒަނުގައި ލީގުގައި އެންމެ ގިނަ ޕާސްތައް ޖެހި ކުޅުންތެރިއާއެވެ. އަދި ޕާސް އެކިއުރެސީ ލެވެލްގައި ވެސް އެންމެ ކުރީގައި ލަޕޯޓް އޮތްއިރު ޕްރިމިއަ ލީގު ކުޅުންތެރިންގެ ތެރެއިން ނުވަދިހަ މިނެޓު ތެރޭ އެންމެ ގިނަ އެކިއުރޭޓް ޕާސް ޖެހި ކުޅުންތެރިއަކީ ވެސް ލަޕޯޓެވެ. މީގެ އިތުރުން ހަތަރު ގޯލާއެކު ސެންޓަ ބެކުންގެ ތެރެއިން އެންމެ ގިނަ ގޯލް ޖެހީ ވެސް ލަޕޯޓެވެ.

ޕީއެފްއޭ ޓީމް އޮފް ދަ ސީޒަންގައި ލަޕޯޓްގެ އިތުރުން ޕެނަލްޓީއާ ނުލައި 23 ގޯލް ޖަހައި ރަން ބޫޓް ހޯދި ޓޮޓެންހަމްގެ ދެކުނު ކޮރެއާ ވިންގް، ސޮން ހިއުން މިން އަށް ވެސް ޖާގަ ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަަަހަ

    ކުރީގައި މެންޔޫއިން ޕްރިމިއަރ ލީގަށް ނުފޫޒްފޯރުވި ގޮތަށް މިހާރު ލިވަރޕޫލް ތި ލީގުގައި ނުފޫޒްގަދަކުރަމުންދަނީ ، ސިޔާސީ ކަންކަން ފުޓްބޯޅައަށް ނުވައްދަންބުނި އިނގިރޭސިން ޗެލްސީ ފުނޑާލީވެސް ލިވަރޕޫލްގެ ނުފޫޒުން

    4
    3
    • އަލްފާލިލް

      އޭ ތީ ހާދަ މައްޗައް ކަންކަން އިންގޭ މީހެކޭ ދޯ!

      4
      2