ރޯމާގެ ވިސްނުން ހުރީ މުޅި ލިވަޕޫލް ޓީމަށް ކަމަށާއި ހަމައެކަނި އެ ކްލަބަށް ކުޅެމުން އަންނަ މުހައްމަދު ސަލާހު ހުއްޓުވަން ނުވިސްނާ ކަމަށް ރޯމާގެ ކޯޗު ޑި ފްރެންސެސްކޯ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ލިވަޕޫލް އާއި ރޯމާ ބައްދަލުކުރާއިރު ޔޫރަޕްގައި މިވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި ކުޅުންތެރިއަކީ ލިވަޕޫލް އަށް ކުޅެމުން އަންނަ ސަލާހުއެވެ. އެގޮތުން ސަލާހު ވަނީ މި ސީޒަނުގައި ލިވަޕޫލް އަށް މިހާތަނަށް ކުޅެދިން 46 މެޗުގައި 41 ގޯލު ކާމިޔާބުކޮށްފައެވެ.

މިސްރަށް އުފަން ސަލާހު އަކީ މީގެކުރިން ރޯމާ އަށް ވެސް ކުޅެފައިވާ ކުޅުންތެރިއަކަށް ވާއިރު ރޯމާގެ ކޯޗު ޑި ފްރެންސެސްކޯ ބުނީ ރޯމާ އިން މިރޭގެ މެޗަށް ތައްޔާރުވީ ހަމައެކަނި ސަލާހު ހުއްޓުވަން ނޫން ކަމަށާއި އެޓީމުގެ ވިސްނުން ހުރީ މުޅި ލިވަޕޫލް ޓީމަށް ކަމަށެވެ.

"އިދިކޮޅަށް ކުޅޭ ޓީމުގައި ތިބޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ސަމާލުކަން ދޭންޖެހޭނެ. އެކަމަކު މިރޭގެ މެޗަށް އަހަރުމެން މި ތައްޔާރުވަނީ އެންމެ ކުޅުންތެރިއެއް ހުއްޓުވާކަށް ނޫން" ޑި ފްރެންސެސްކޯ ބުންޏެވެ.

ރޯމާ މުބާރާތުގެ ސެމީ އަށް ދަތުރުކުރީ ސްޕެއިންގެ ވަރުގަދަ ބާސެލޯނާ ކަޓުވާލުމަށްފަހުއެވެ. އެ މެޗަށް އިޝާރާތް ކުރަމުން ރޯމާގެ ފުލްބެކް ކޮލަރޯވް ބުނީ އެ މެޗުގައި ރޯމާ އިން ބާސާގެ އެންމެ މުހިއްމު ކުޅުންތެރިއަށް ކަމަށްވާ ލިއޮނަލް މެސީ އަށް ހަމައެކަނި ނުވިސްނާ ކަމަށާއި އެ މެޗުން މޮޅުވީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށެވެ.

"އެންމެ ކުޅުންތެރިއެއް ހުއްޓުވުމެއް ނޫން މީގަ މުހިއްމީ. ލިވަޕޫލްގަ ސަލާހު އެކަންޏެއް ނޫން ހުރީ. އެ ނޫނަސް އެޓީމުގަ ފާހަގަކޮށްލެވޭ ފަދަ މޮޅެތި ކުޅުންތެރިންތަކެއް އެބަތިބި" ކުރިން މެންޗެސްޓަރ ސިޓީ އަށް ކުޅުނު ކޮލަރޯވް ބުންޏެވެ.

ރޯމާ އާއި ލިވަޕޫލް މިރޭ ބައްދަލުކުރާއިރު މި ޓީމު މި މުބާރާތުގައި އެންމެފަހުން ބައްދަލުކޮށްފައިވަނީ 2002 ވަނަ އަހަރުއެވެ. އެފަހަރު މި ދެ ޓީމު ވެސް އެއް ގްރޫޕެއްގައި ލައްވާލިއިރު ރޯމާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ނަމަވެސް ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު 0-2 އިން ކާމިޔާބުކުރީ ލިވަޕޫލް އިންނެވެ.

ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅޭ މި މެޗު ފަށާނީ ރާއްޖެގަޑިން 11:45 ގައެވެ.