ބަޔާން މިއުނިކްގެ ކޯޗުގެ މަގާމުގައި ހުރި ޖަރުމަނުގެ ހަންސީ ފްލިކްގް ކޮންޓްރެކްޓް ދާއިމީ ކުރަން އެ ކްލަބުން ނިންމައިފިއެވެ.

ބަޔާންގެ ހެޑް ކޯޗުކަމުގެ މަގާމް ހަންސީ ފްލިކްއާ ހަވާލުކޮށްފައިވަނީ، ނަތީޖާތައް ދަށްވުމުގެ ސަބަބުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޭރުގެ ކޯޗު ކްރޮއޭޝިއާގެ ނިކޯ ކޮވަޗް މަގާމުން ވަކިކުރުމަށްފަހުއެވެ. އޭގެ ފަހުން އެ ޓީމަށް އިރުޝާދު ދެމުން އަންނަނީ ކޮވަކްގެ ދަށުން އޭރު އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހުރި ހަންސީ ފްލިކް އެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ބަޔާނަށް 104 މެޗު ކުޅެދީފައިވާ ފްލިކް އެ ކްލަބުގެ ކޯޗުގެ ގޮތުގައި ހޭދަކުރި ފުރަތަމަ ދެ މަސްދުވަހު ނެރުނު ނަތީޖާތައް ރަނގަޅު ވުމުގެ ސަބަބުން މި ސީޒަނުގެ ނިޔަލަށް އެ މަގާމުގައި ފްލިކް ބަހައްޓަން ބަޔާނުން ނިންމީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން އިއްޔެ އެ ކްލަބުން ވަނީ ފްލިކް އަށް ދާއިމީ ކޮންޓްރެކްޓެއް ހުށަހަޅައިފައެވެ. އާ އެއްބަސްވުމުގެ ދަށުން 2023 ގެ ނިޔަލަށް ފްލިކް ބަޔާންގައި މަޑުކުރާނެއެވެ.

ބަޔާނުން ފްލިކްގެ އެއްބަސްވުން އާ މިކުރީ އަންނަ ސީޒަން ފެށެންވާ އިރަށް އެ ކްލަބުގެ ހެޑް ކޯޗަކަށް އެ ޓީމަށް ކުރިން އިރުޝާދުދިން މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ އާއި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން ވަކިކުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ވެސް ގެންނަން މަސައްކަތް ކުރުމަށްފަހުއެވެ.

ކުރިން ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓެއްގެ ގޮތުގައިވެސް މަސަތްކަތް ކުރި ފްލިކް ބަޔާނާއި ގުޅުނީ މިދިޔަ އަހަރުއެވެ. ކްލަބުގެ ހެޑް ކޯޗުކަމާ ހަވާލުވުމަށްފަހު އޭނާގެ އިރުޝާދުގެ ދަށުން ބަޔާން މިހާތަނަށް ކުޅުނު 21 މެޗުގެ ތެރެއިން 18 މެޗުން ވަނީ މޮޅުވެފައެވެ. ފާއިތުވެދިޔަ މަސްތަކުގައި ހޯދި ރަނގަޅު ނަތީޖާތަކާއެކު ބަޔާން ބުންޑެސްލީގާ ތާވަލުގެ އެންމެ ކުރިއަށް ޖެހިލިއިރު ޗެމްޕިއަންސް ލީގުގައިވެސް ފްލިކްގެ ދަށުން ބަޔާނުގެ ރެކޯޑު ވަރަށް ރަނގަޅެވެ. މި މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބަޔާނުން ވަނީ ރަށުން ބޭރުގައި އިންގްލަންޑުގެ ޗެލްސީ އަތުން 3-0 އިން މޮޅުވެފައެވެ.

ހަތަރު ޕޮއިންޓުގެ ލީޑަކާއެކު ބަޔާން ޖަރުމަނު ލީގުގެ އެއްވަނައިގައި އޮތްއިރު މިދުވަސްކޮޅު މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ހެދި ފުޓްބޯޅަ ހަރަކާތްތައް ޖަރުމަނުގައި ވަނީ މެދުކަނޑާލާފައެވެ.