މިއަހަރުގެ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ޕޯޗުގަލްގެ ސްޕޯޓިންގް ލިޒްބަން އިން ގެނައި މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އާއެކު މެންޗެސްޓާ ޔުނައިޓެޑް ވަރަށް ބޮޑަށް ވަރުގަދަ ވެގެން ހިނގައްޖެ ކަމަށް އެ ކްލަބުގެ ލެޖެންޑް ޕައުލް ސްކޯލްސް ބުނެފިއެވެ.

ޕޯޗުގީޒް ކަޕާއި ޕޯޗުގީޒް ލީގު ދެ ފަހަރު ސްޕޯޓިންގް ލިޒްބަން އަށް ހޯދައިދިނުމަށްފަހު ފެނާންޑޭސް އިންގްލަންޑަށް ބަދަލުވީ 47 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށެވެ. ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ފެނާންޑޭސް ވަނީ ދަނޑުމަތީގައި ތަފާތު ދައްކައި އޭނާ އޯލްޑް ޓްރަފޯޑް އަށް ބަދަލުވި ފަހުން ޔުނައިޓެޑް ކުޅެމުން އައި މެޗުތަކުން ބަލިނުވުމުގެ ސިލްސިލާ ދެމެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކޮރޯނާ ވައިރަހާ ހެދި ސީޒަން މެދުކަނޑާލުމާ ހަމައަށް ކުޅުނު ނުވަ މެޗްގެ ތެރެއިން ޔުނައިޓެޑް ވަނީ ހަ މެޗު ކާމިޔާބުކޮށް އަނެއް ތިން މެޗް އެއްވަރުކޮށްފައެވެ. މި ނުވަ މެޗުގައި ޔުނައިޓެޑުގެ ބައިކޮޅަށް ވަނީ އެންމެ ދެ ގޯލެވެ.

އަނެއްކޮޅުން ފެނާންޑޭސް އައުމާއެކު އެ ޓީމުގެ އެޓޭކިންގް ލައިންވެސް ކުރިއަށްވުރެ ވަރުގަދަވެފައިވާއިރު މި މުއްދަތުގެ ތެރޭގައި ޔުނައިޓެޑުން ވަނީ މުޅިއެކު 22 ގޯލް ޖަހައިފައެވެ

ސީޒަނުގެ ކުރީކޮޅު ނެރުނު ނަތީޖާތަކުގެ ސަބަބުން ސަޕޯޓަރުންގެ ޕްރެޝަރާ ވަރަށް ބޮޑަށް ކުރިމަތި ކޯޗު އޮލޭ ގުނާ ސޯލްޝެޔާގެ ޔުނައިޓެޑު ހަމަ މަގަށް އަޅުވައިދިނުމުގެ މޭސްތިރިއަކީ ފެނާންޑޭސްއެވެ. މިއާއެކު ޔުނައިޓެޑުގެ ސަޕޯޓަރުންނާއި ކުރީގެ ކުޅުންތެރިންގެ ތައުރީފާއި ލޯބި 25 އަހަރުގެ މި ކުޅުންތެރިޔާ އަށް ވަނީ ލިބެން ފަށައިފައެވެ.

ކުރީގެ ކޯޗް ސަރ އެލެކްސް ފާގަސަންގެ ދަށުން ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ޕައުލް ސްކޯލްސް ބުނީ ފެނާންޑޭސް ފެންވަރުގެ ކުޅުންތެރިއެއްގެ ބޭނުން ޔުނައިޓެޑަށް ޖެހިފަ އޮންނަތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ.

“ފެނާންޑޭސްގެ ހާއްސަ ކަމަކީ އޭނާ އަކީ ސީދާ ސެންޓްރަލް މިޑްފީލްޑަރެއް ނޫން. އޭނާ އަކީ ޓީމުގެ މެދުތެރެއާ އެޓޭކް ގުޅުވައިދޭ ކުޅުންތެރިޔާ. މިކަހަލަ ލިންކް ކުޅުންތެރިޔެއް ޔުނައިޓެޑަށް ވަރަށް ބޭނުން ޖެހިފަ އޮތީ. ފެނާންޑޭސް އަކީ އަމިއްލަ އަށް ގޯލު ޖަހާ ކުޅުންތެރިޔެއް. އަނެއްކޮޅުން އެވަރަށް އެހެން ކުޅުންތެރިންނަށް ބޯޅަތައް ތަނަވަސް ކޮށްދޭ. ލީޑަޝިޕް ހުނަރު ވެސް އޭނާގެ ކިބައިގަ އެބަހުރި. ހުރިހާ ގޮތަކުން ބަލާއިރުވެސް ޔުނައިޓެޑަށް ވަރަށް މުހިއްމު ކުޅުންތެރިޔެއް ފެނާންޑޭސް އަކީ،“ ސްކޯލްސް ބުންޏެވެ.

ޔުނައިޓެޑާއި ގުޅުމަށް ފަހު މިހާތަނަށް ފެނާންޑޭޒް ކުޅުނު މެޗުތަކުގައި އޭނާ ވަނީ ދެ ގޯލު ޖަހައި އިތުރު ތިން ގޯލް ޖެހުމަށް މަގުފަހިކޮށްދީފައެވެ. މިއާއެކު ޕްރިމިއާ ލީގުން ހޮވި ފެބްރުއަރީ މަހުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް އޭނާ އަށް ވަނީ ލިބިފައެވެ.