އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ކުޅެމުން އަންނަ ގޯލްކީޕަރު ޖިއަންލުއީޖީ ބުފޮން އަދި ޑިފެންޑަރު ޖޯޖިއޯ ޗިއެލިނީގެ ކޮންޓްރެކްޓް އާ ކުރަން އެ ކްލަބުން ތައްޔާރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބުފޮން އަދި ޗިއެލިނީގެ ކޮންޓްރެކްޓް އާ ކުރުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ނިމިފައެވެ. މިހާ ހިސާބަށް އާ އެއްބަސްވުމެއްގައި ދެ ފަރާތުން ސޮއި ކޮށްފައި ނެތީ ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ފުޓްބޯޅަ ހަރަކާތްތައް ހުއްޓިފައިވުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ސީޒަނުގައި ޔުވެންޓަސް އަށް ހަތް މެޗު ކުޅެދީފައިވާ ބުފޮން އެ ކްލަބާއެކު މިހާރު ހަދާފައިވާ އެއްބަސްވުން އަންނަ ޖޫން މަހުގެ 30 ގެ ނިޔަލަށް ހަމަވާނެއެވެ. މިދިޔަ އަހަރު ފްރާންސްގެ ޕީއެސްޖީ އަށް ކުޅުމަށްފަހު އުމުރުން 42 އަހަރުގެ އިޓަލީ ގޯލްކީޕަރު ޔުވެންޓަސް އަށް އެނބުރި އައީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޔުވެންޓަސް އަށް 17 އަހަރު ކުޅުމަށް ފަހު މިދިޔަ އަަހަރު ޕީއެސްޖީ އަށް ބަދަލުވެ އެ ކްލަބާއެކު ބުފޮން ވަނީ ފްރެންޗް ލީގް ކާމިޔާބުކޮށްފައެވެ. ޕީއެސްޖީއާއެކު ހެދި އެއްބަސްވުން ހަމަވެ އެ ކްލަބުން އާ ކޮންޓްރެކްޓެއް ހުށަހެޅި ނަމަވެސް ބުފޮން އަލުން ޔުވެންޓްސް އަށް ބަދަލުވާން ނިންމީއެވެ. ޔުވެންޓަސްއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފިނަމަ ބުފޮންގެ 43 ވަނަ އުފަންދުވަސް ވެސް އޭނާ ފާހަގަ ކުރާނީ އެ ކްލަބުގެ ކުޅުންތެރިޔެއްގެ ގޮތުގައެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން ބުފޮން މި ސީޒަނަށް އިޓަލީ އަށް ބަދަލުވި ނަމަވެސް އޭނާ އަކީ މިހާރު ޔުވެންޓަސްގެ އެއްވަނަ ކީޕަރެއް ނޫނެވެ. އެ ކްލަބުގެ ފަސްޓް ޗޮއިސް ކީޕަރަކީ ޕޮލަންޑުގެ ޝެޒްނީ އެވެ. 1995 އިން ފެށިގެން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެމުން އަންނަ ބުފޮން ކުޅުން ހުއްޓާލުމާ ދާދި ގާތުގައި ހުއްޓާ ޔުވެންޓަސް އިން އޭނާގެ ކޮންޓްރެކްޓް އާ ކުރަން ނިންމި ސަބަބަކީ އޭނާގެ ތަޖުރިބާއެވެ. ރިޕޯޓްތައް ބުނާގޮތުން އާ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް ބުފޮން ދެމިހުންނަން ބޭނުންވަނީ ޔުވެންޓަސްގެ ދެވަނަ ކީޕަރުގެ ގޮތުގައެެވެ.

އިޓަލީގެ ޕާމާ އިން 1995 ވަނަ އަހަރު ކެރިއަރު ފެށި ބުފޮން ވަނީ އެ ޓީމާ އެކު އިޓާލިއަން ކަޕާއި ޔުއެފާ ކަޕް ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން 2001 ވަނަ އަހަރު އޭނާ ޔުވެންޓަސް އަށް ބަދަލުވީ އެއިރުގެ ދުނިޔޭގެ ރެކޯޑް އަގަކަށެވެ. ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމާ އެކު އިޓާލިއަން ލީގު ނުވަ ފަހަރު ބުފޮން ކާމިޔާބުކުރިއެވެ. އިޓަލީގެ ގައުމީ ޓީމާއެކު އޭނާ ވަނީ 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ. ކެރިއަރުގައި މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދައި ދުނިޔެ ދުށް އެންމެ މޮޅު ގޯލްކީޕަރުންގެ ލިސްޓުން ޖާގަ ހޯދާފައިވާ ބުފޮން އަށް އުފުލާނުލެވި އިން ހަމައެކަނި ބޮޑު މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. ޕީއެސްޖީގައި އެއް އަހަރު ހޭދަކުރުމަށްފަހު އަލުން ޔުވެންޓަސް އަށް ބުފޮން ދިއުމުގެ އެއް މަގުސަދަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.

ބުފޮންގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރު ޗިއެލިނީ ވެސް ހުރީ އިތުރު އެއް އަހަރަށް އެއްބަސްވުން އާ ކުރަން ތައްޔާރަށެވެ. އުމުރުން މިހާރު 35 އަހަރުގެ ޗިއެލިނީ އަންނަނީ 2005 ވަނަ އަހަރުން ފެށިގެން ޔުވެންޓަސް އަށް ކުޅެމުންނެވެ. ޔުވެންޓަސްގެ ވަރުގަދަ ޑިފެންސް ލައިނުގައި މުހިއްމު ރޯލެއް އަދާކުރާ ޗިއެލިނީ މިވަގުތު ހުރީ މިދިޔަ އަހަރު އޮގަސްޓު މަހު ތެރޭ ފައިގެ ލިގަމެންޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައެވެ.