ޗެމްޕިއަނެއް ކަނޑަނާޅައި ނެދަލެންޑްސްގެ ފުޓްބޯޅަ ލީގު ކެންސަލް ކުރުމުން އެކަމަށް އަޔަކްސްގެ ފޯވަޑް ހަކީމް ޒިޔެޗް ފާޑު ކިޔައިފިއެވެ.

ނެދަލެންޑްސްގެ ފުރަތަމަ ޑިވިޝަން އަދި ދެވަނަ ޑިވިޝަން ކެންސަލް ކުރަން ނިންމާފައިވަނީ ކޮރޯނާވައިހާ ހެދި އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުގައި ގިނަ މީހުން އެއްވެ އުޅޭ ގޮތަށް ކުރިއަށްގެންދާ އިޖުތިމާއީ އަދި ކުޅިވަރުގެ އެއްވެސް ހަރަކާތެއް ބޭއްވުން ނެދަލެންޑްސްގެ ސަރުކާރުން މަނާކޮށްފައި ވަނިކޮށެވެ.

ނެދަލެންޑްސްގެ ފުޓްބޯޅަ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމާއެކު ސެޕްޓެމްބަރު މަހުގެ އެކެއްގެ ކުރިން އެ ގައުމުގައި އެއްވެސް ފުޓްބޯޅަ ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަމަށާއި ސަޕޯޓަރުން ނުވައްދައި ވެސް އެއްވެސް މުބާރާތެއް ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ޔުއެފާގެ ލަފަޔާއެކު 2019-2020 ސީޒަން އިތުރަށް ކުރިއަށް ނުގެންދަން ފުޓްބޯޅަ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ލީގު ކެންސަލް ކުރުމުން މި ސީޒަނުގެ ޗެމްޕިއަނެއް ވެސް އަދި ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ ޓީމުތަކެއް ވެސް ކަނޑައަޅާފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ބައެއް ކުޅުންތެރިންނާއި ކްލަބްތަކުގެ ފާޑު ކިޔުންތައް ވަނީ ނެދަލެންޑްސްގެ ފުޓްބޯޅަ އިދާރާ އަށް އަމާޒުވެފައެވެ. އޭގެ ތެރެއިން އެކަކީ މޮރޯކޯގެ ހަކީމް ޒިޔެޗްއެވެ.

ޒިޔެޗް ބުނީ ލީގް ކެންސަލް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަޔަކްސް އަށް ޗެމްޕިއަންކަން ހައްގު ކަމަށެވެ.

" އަހަރެމެން އޮތީ އެއްވަނައިގައި. އޭޒީން ދެ ފަހަރު އަހަރެމެން ބަލިކުރުމުން އެމީހުންނަށް ތަށި ލިބުން މާ ހައްގުކަން ބޮޑޭ ކިޔައިގެން މި އިވޭ އަޑުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަބަދުވެސް ބަލަމުން އައި ގޮތަށް ގޯލުގެ ތަފާތަކީ މިހާރު ގަބޫލުކުރާ އެއްޗަކަށް ނުވީތަ؟ ދެން 2007 ގަ ޕީއެސްވީން ޗެމްޕިއަންކަން ނެގީ ކިހިނެތް؟ އެންމެ ގޯލެއްގެ ފަރަގުން އެމީހުންނަށް ތަށި ލިބުނީ. ވަކި ޓީމަކަށް ޗެމްޕިއަންކަން ލިބެން ބޭނުން ނަމަ އަހަރެން ހިޔާލުކުރާނެ ޓީމަކީ އަޔަކްސް، " ޒިޔެޗް ބުންޏެވެ.

ނެދަލެންޑްސް ލީގު ކެންސަލް ކުރުމުން އަޔަކްސްއާއެކު ޒިޔެޗްގެ ކެރިއަރު ވަނީ ނިމުމަކަށް އައިސްފައެވެ. ޒިޔެޗް ވަނީ ސީޒަން ނިމުމުން އިންގްލަންޑުގެ ޗެލްސީ އަށް ބަދަލުވާން މިދިޔަ ފެބްރުއަރީ މަހު އެއްބަސްވެފައެވެ. ޖުލައި މަހު އެގްރީމެންޓުގައި ސޮއިކުރާ ގޮތަށް ކުރިން ކަނޑައަޅާފައި އޮތް ނަމަވެސް ފީފާ އިން ގެނައި ބަދަލުތަކާއެކު ޒިޔެޗް އަށް ޗެލްސީއާއެކު ކޮންޓްރެކްޓްގައި ރަސްމީކޮށް ސޮއިކުރެވޭނީ އިންގްލެންޑްގެ ފުޓްބޯޅަ ސީޒަން ނިމުމުންނެވެ.