އިނގިރޭސި ކުލަބް ޗެލްސީއަށް ކުޅެމުން އަންނަ މޮރިކޯގެ ހުނަރުވެރި ކުޅުންތެރިޔާ ހަކިމް ޒިޔަޗް ހޯދުމަށް ސައުދީ ޕުރޯ ލީގުގެ ދެވަނަ ހޯދި އަލް ނަސްރުން މަސައްކަތް ފަށައިފިއެވެ.

ރެކޯޑު އަގަކަށް ޕޯޗުގަލްގެ ކެޕްޓަން ކުރިސްޓިއާނޯ ރޮނާލްޑޯވެސް ކުޅެމުން އަންނަ އަލް ނަސްރުން އަދި ރަސްމީ އަގެއް ހުށަ އަޅާފައި ނުވާ ކަމުގައި މީޑިޔާ ރިޕޯޓުތަށް ބުނެއެވެ. އެހެން ނަމަވެސް މަޝްވަރާތަށް ކުރިއަށް ގެންދިޔުމަށް ޒިޔަޗްވެސް ބޭނުންވާ ކަމުގައި ރިޕޯޓުތަށް ބުނެއެވެ.

މީޑިޔާ ރިޕޯޓުތަށް ބުނާ ގޮތުން ޗެލްސީއިން އުންމީދު ކުރަމުން ދަނީ ހަކިމް ޒިޔަޗްގެ އިތުރުން އައުބަމޭޔަންގް ހޯދުމަށް ބިޑު ހުށައަޅާނެ ކަމުގައެވެ. އާސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް އަލް ނަސްރުން އަންނަނީ ގިނަ ކުޅުންތެރިން ތަކެއް ހޯދުމަށް މަސައްކަތް ކުރަމުން ކަމުގައި މީޑިޔާ ރިޕޯޓުތަށް ބުނެއެވެ.

2020 ވަނަ އަހަރު ޗެލްސީއާއި ގުޅުނު ހަކިމް ޒިޔަޗްއަށް މިހާތަނަށް ޗެލްސީގައި ކުޅެވިފައި ވަނީ 64 މެޗުއެވެ. އަދި ކާމިޔާބު ކުރެވުނީ ހަ ގޯލުއެވެ. އެހެން ނަމަވެސް މޮރޮކޯގެ ގައުމީ ޓީމަށް ކުޅެދިން 54 މެޗުން ވަނީ 19 ގޯލު ކާމިޔާބުކޮށްދީފައެވެ. އެންމެ ފަހުން ނިމުނު ވޯލްޑް ކަޕުގައިވެސް އޭނާ ވަނީ މޮރޮކޯ ޓީމާއި އެކު މޮޅު ކުޅުމެއް ދައްކަދީފައެވެ.