ކޮރޯނާ ވައިރަހުގެ ސަބަބުން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު އަލުން ފަށާއިރު ދަނޑަށް ސަޕޯޓަރުން ވެއްދުން މަނާކޮށްފައިވަތީ މެންޗެސްޓާ ސިޓީ އިން އެ ކްލަބުގެ ސަޕޯޓަރުންނަށް މިސީޒަނުގެ ބާކީ ހުރި މެޗުތަކުގެ ޓިކެޓު ރިފަންޑް ކުރަން ނިންމައިފި އެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އާ ހެދި އިނގިރޭސިވިލާތުގައި ފުޓްބޯޅަ ހަރަކާތްތައް މެދުކަނޑާލީ މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ.

މި ސީޒަން ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމްކުރެވޭނެ އިރެއް ޔަގީންކަމާ އެކު އެއްވެސް ފަރާތަކަށް ބުނަން ނޭނގޭތީވެ ލީގު ފެށޭނެ ސީދާ ތާރީހެއް އޮތީ އަދި މިހާތަނަށް ކަނޑަނޭޅިއެވެ. ޔޫރަޕްގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އަދިވެސް ކޮންޓްރޯލް ނުވާތީވެ އިނގިރޭސި އެފްއޭ އިން އެންމެ ފަހުން ނިންމާފައިގޮތުން ލީގާއި އެހެނިހެން މުބާރާތްތައް އަލުން ފަށާނީ ވައިރަސް ފެތުރުން ހަމައަކަށް އެޅި ހާލަތު މުޅިން ރަނގަޅުވީމައެވެ. އެ އިދާރާ އިން މިހެން ނިންމާފައިވަނީ ކްލަބުތަކާއެކު މަޝްވަރާ ކުރުމަށްފަހުއެވެ.

ލީގު ފެށުމަށް ކުރަމުން އަންނަ މަސަތްކަތަށް އަލިމަގެއް ލިބިގެންދިޔައީ އަންނަ މަހު އިނގިރޭސިވިލާތުގައި ކުޅިވަރު ހަރަކާތްތައް އަލުން ފެށުމަށް އެގައުމުގެ ސަރުކާރުން ހުއްދަ ދިނުމުންނެވެ. ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވަނީ ޖޫން މަހުގެ އެއްވަނަ ދުވަހަށްފަހު ސަޕޯޓަރުން ނުވައްދައި، އެ ގައުމުގައި ކުޅިވަރު ހަރަކާތްތައް އަލުން ފެށުމަށް ހުއްދަ ދީފައެވެ.

މެޗުތައް އަލުން ފަށާނީ ދަނޑަށް ސަޕޯޓަރުން ނުވައްދައި ކުޅޭ ގޮތަށެވެ. މިއާއެކު އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީން ވަނީ ޕްރިމިއާ ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗުތަކަށް ޓިކެޓް ގަނެފައިވާ ސަޕޯޓަރުންނަށް ރިފަންޑް ދޭން ނިންމާފައެވެ. ސިޓީ އަކީ ރިފަންޑް ދޭނެކަން އިއުލާނުކުރި އިންގްލެންޑުގެ ފުރަތަމަ ކްލަބެވެ.

ޕްރިމިއާ ލީގު ޖޫން މަހުގެ އަށްވަނަ ދުވަހު އަލުން ފަށަން މަސައްކަތް ކުރަމުން އަންނައިރު މި ސީޒަނުގައި ބާކީ ނުކުޅެ އަދި 92 މެޗު އެބައޮތެވެ. މާޗު މަހު ޕްރިމިއާ ލީގު މެދުކަނޑާލިއިރު، ލީގުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން 16 ޓީމަކަށް ބާކީ އޮތީ 9 މެޗެވެ. ދެން އޮތް 4 ޓީމަށް އަދި 10 މެޗު އެބައޮތެވެ. ތާވަލުގެ އެއްވަނައިގައި 82 ޕޮއިންޓާއެކު ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގު ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.