މެންޗެސްޓާ ސިޓީ އިން އިނގިރޭސި ލީގުގެ ޗެންޕިއަން ލިވަޕޫލް އަށް ގާޑް އޮފް އޯނާ އެއް ދިނުމަށް ނިންމައިފި އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހާމަކުރި ގޮތުގައި މިއަންނަ ބުރާސްފަތި ދުވަހު ސިޓީއާއި ލިވަޕޫލް ޕްރިމިއާ ލީގުގައި ބައްދަލު ކުރާ މެޗުގައި ލިވަޕޫލަށް މަރުހަބާ ކިޔުމަށް ވަނީ ތައްޔާރު ވެފައެވެ. ފާއިތުވި ދެ އަހަރު ޕްރިމިއާ ލީގު އުފުލާލި ސިޓީއިން ލިވަޕޫލް މި ސީޒަންގައި ލީގު ކާމިޔާބު ކުރުމުން އެކަމަށް މަރުހަބާ ކިޔުމަށް ގާޑް އޮފް އޯނާ ދޭނެ ކަމަށް ގާޑިއޯލާ ބުންޏެވެ.

30 އަހަރުގެ ދިގު މުއްދަތަކަށް ފަހު ލިވަޕޫލް އިން މި ސީޒަންގައި ލީގު ކާމިޔާަބު ކުރިއިރު ދެވަނައިގައި އޮތީ ސިޓީއެވެ. ސިޓީ ކުޅުނު އެންމެ ފަހު މެޗުގައި ޗެލްސީ އަތުން ބަލިވުމުން ގާޑިއޯލާ ވަނީ ލިވަޕޫލް ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ.

އަންނަ ބުރާސްފަތި ދުވަހު ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ގާަޑިއޯލާ ބުނީ ސިޓީ އިން އަބަދުވެސް ލިވަޕޫލް އަށް އިހްތިރާމް ކުރާ ކަމަަށެވެ. "އަހަރުމެން އަބަދުވެސް ލިވަޕޫލް މި ދަނޑަށް އައުމުން އެމީހުންނަށް ވަރަށް ރަނގަޅަށް މަރުހަބާ ކިޔަން، އެކަމާ އެއްވެސް ބަޔަކަށް ޝަކުވާއެއް ނުކުރެވޭނެ، އަހަރުމެން ލިވަޕޫލް އަށް ގާޑް އޮފް އޯނާވެސް ދޭނަން، އެމީހުން ނަށް އެއީ ހައްގު އެއްޗެއް" ގާޑިއޯލާ ބުންޏެވެ.

ސިޓީއަށް މިފަހަރު ލީގު ކާމިޔާާބު ނުކުރެވުނަސް ކުރިއަށް މި ސީޒަންގައި އަދި ޗެންޕިއަންސް ލީގާއި އެފްއޭ ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު އެބަ އޮތެވެ.