ޖަރުމަން ޗެމްޕިއަން ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލަންޑްގެ ރޮބަޓް ލެވަންޑޯސްކީ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ސެންޓްރަލް ފޯވަޑް ކަމަށް އެ ކްލަބުގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ވިދާޅުވެއްޖެއެވެ.

ބަޔާނަށް 2014 ވަނަ އަހަރު ބަދަލުވި ލެވަންޑޯސްކީ އަކީ މިވަގުތު ޔޫރަޕްގައި ހުރި އެންމެ ފޯމް ރަނގަޅު ފޯވަޑެވެ. ބަޔާނުން ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ޖަރުމަން ލީގް ކާމިޔާބު ކުރުމުގައި ލެވަންޑޯސްކީގެ ހިއްސާ ބޮޑެވެ. އެޓީމުން މިސީޒަންގެ ބުންޑެސްލީގާގައި ޖެހި ގޯލްތަކުގެ ދެބައިކުޅަ އެއްބައި ކާމިޔާބުކުރީ ލެވަންޑޯސްކީ އެވެ. މުޅިއެކު 34 ގޯލާއެކު ޓޮޕް ސްކޯރާގެ ގޮތުގައި ލީގު ނިންމާލި ލެވަންޑޯސްކީ ވަނީ ބުންޑެސްލީގާ ޕްލޭޔާ އޮފް ދަ ސީޒަން މަގާމް ވެސް މިފަހަރު ހޯދައިފައެވެ.

ދެފައިންވެސް ބޯޅައިގައި ބާރަށް ޖަހާ އަދި ބޮލުން ޖެހުމުގައި ވެސް ގޯލާ ރައްޓެހި ލެވަންޑޯސްކީ އަކީ ދުނިޔޭގެ އެއްވަނަ ފޯވަޑް ކަމަށް ބުނެ ބަޔާންގެ ޗެއާމަން ރުމެނިގާ ވަނީ ޕޮލަންޑް ފޯވަޑަށް ތައުރީފް އޮއްސާލާފައެވެ. ރުމެނިގާ ވިދާޅުވީ ލީގުގައި 34 ގޯލް ޖެހުމަކީ އާދައިގެ ކާމިޔާބީއެއް ނޫން ކަމަށާއި ލެވަންޑޯސްކީ މިސީޒަންގައި ބަޔާން ޖާޒީގައި ދެއްކި ކުޅުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޖަރުމަން ލީގުގެ ތާރީހުގައިވެސް ލެވަންޑޯސްކީގެ 34 ގޯލަށް ވުރެ އިތުރަށް ސީޒަނެއްގައި ގޯލް ޖަހާފައިވަނީ ޖަރުމަން ލެޖެންޑް ގާޑް މުލާ އެކަންޏެވެ. މުލާ ވަނީ ތަފާތު ތިން ސީޒަނެއްގައި 34 އަށް ވުރެ ގިނައިން ގޯލް ޖަހައިފައެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ލެވަންޑޯސްކީ ވަނީ މުލާގެ ރެކޯޑް ކޮންމެވެސް ދުވަހަކުން މުގުރާލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ބުނެފައެވެ.

ބުންޑެސްލީގާ ޓޮޕް ސްކޯރާގެ އިތުރުން މިފަހަރުގެ ޔޫރަޕިއަން ގޯލްޑެން ބޫޓް ވެސް ގެންދާނެ ކަމަށް ބެލެވެނީ ލެވަންޑޯސްކީ އެވެ. ޖަރުމަން ލީގް ނިމިފައިވުމުން އިތުރު ގޯލްތަކެއް ޖެހުމުގެ ފުރުސަތެއް 31 އަހަރުގެ ލެވަންޑޯސްކީ އަށް ނެތް ނަމަވެސް އޭނާ ލިސްޓުގެ އެއްވަނައިގައި އޮތީ ވަރުގަދަ ލީޑަކާއެކު އެވެ. މި ލިސްޓުގައި އޭނާ އާ އެންމެ ކައިރިން ވާދަކުރަނީ 27 ގޯލާއެކު އިޓަލީގެ ލާޒިއޯ އަށް ކުޅެމުން އަންނަ ސީރޯ އިމޮބައިލް އެވެ.