ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ނިއު ރޭޑިއަންޓާއި ވިކްޓްރީގެ ސަސްޕެންޝަން ދަމަހައްޓަން ނިންމައިފިއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ޒަމާންވީ ކްލަބްތަކުގެ ތެރޭ ހިމެނޭ ނިއު ރޭޑިއަންޓާއި ވިކްޓްރީގެ ސަސްޕެންޝަން ދަމަހައްޓާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ކުލަބުތަކުން ވޯޓް ދީގެންނެވެ. ނިއު އަދި ވިކްޓަރީގެ ސަސްޕެންޝަނާ ބެހޭގޮތުން ގޮތެއް ނިންމަން ވޯޓަށް އެހުމުން، ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކުގެ ތެރެއިން ދެ ކުލަބެއް ފިޔަވައި އެހެން ހުރިހާ ކުލަބަކުން ވޯޓް ދިނީ މި ދެ ކްލަބުގެ ސަސްޕެންޝަން ދެން އަންނަ ކޮންގްރެސް އަކާ ހަމައަށް ވެސް ދެމެހެއްޓުމަށެވެ.

އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވީ މާޒިޔާ، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް، ގްރީންސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ޕީކޭ، ޖޭޖޭ ސްޕޯޓްސް، ދަ ގްރާންޑޭ، މަހިބަދޫ ސްޕޯޓްސް ކްލަބް، ކުޑަހެންވޭރު ޔުނައިޓެޑް، ރެޑްލައިން ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ އެވެ.

ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ނިއުރޭޑިއަންޓް ސަސްޕެންޑް ކުރީ މިދިޔަ އަހަރު ކުރީކޮޅު އެވެ. އެ ކުލަބަށް ސަސްޕެންޝަނަކާ ކުރިމަތިވީ ކްލަބުގެ އޭރުގެ ޗެއާމަން މުހައްމަދު ޒިޔާދުގެ ދައުރުގައި ދިވެހި ކުޅުންތެރިންތަކަކަށް ދޭން ޖެހޭ ފައިސާ ނުދީ ހުރި ކަމަށް ބުނެ އެވެ. އެކަމަކު، ނިއު އިން އޭރު ތުހުމަތުކުރި ގޮތުގައި އެ ސަސްޕެންޝަނަކީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ތައްޔާރުވުމުން ދިން އަދަބެއް ކަމަށެވެ.

އަނެއްކޮޅުން މިދިޔަ ސީޒަންގެ ވަކި ހިސާބަކުން ވިކްޓްރީ ސަސްޕެންޑްކުރީ މެޗުތަކަށް ހާޒިރު ނުވާ މައްސަލަ ތަކުރާރު ވުމުންނާއި، ކްލަބުގެ ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ހުރި މުސާރަ އާއި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަ ކުރަން ދިން މުއްދަތުގައި އެކަންކަން ފުރިހަމަކޮށްފައި ނުވާ މައްސަލައިގަ އެވެ.

އެފްއޭއެމްގެ އިންޒާރާއެކު ވެސް ތަކުރާރުކޮށް ވިކްޓްރީ އިން މެޗުތަކަށް ހާޒިރު ނުވުމުން އެ އިދާރާ އިން ވަނީ ބޮޑު އަދަދަކުން އެ ކްލަބް ޖޫރިމަނާވެސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙ

  މީދޯ .. ދޮންބިލަތާއި..އާޒިމް.. ރުޅިގަދަވި ކަންތައް
  ޢަދިވެސް ރައްޔިތުންގެ ހައްގުގައޭ ... ކިޔާތި..އެމް ޑީ.ޕީގެ
  ޢަސްލަކީ...ހައްގުތައް ނިގުޅައި ގަތުން

  7
  1
 2. މޫސަ

  ހަބަރު ކިޔާ ނިމުނުއިރުވެސް ނޭގުނު ވޯޓް ދިނީ ކޮންޓީމުތަކެއްލަމެއް

  6
  5
 3. މުލޭ

  ބައްސާމާއި ގޭންގްތައް ގުޅިގެން ރާއްޖޭގެ އަސްލު ކުޅިވަރު ކްލަބްތައް ހަލާކުކޮށްލައިފި. 4 އަހަރު ފަހުން ދެން ފުޓުބޯޅަ ކޮއްޅައްޖެހޭނީ.

 4. ައޮފްބެ

  މި ދެންކިހާ ދެރަކަމެއް.. ރާއްޖޭގަ އޮތް އެންމެ ބޮޑު ދެ ކްލަބު ސަސްޕެންޝަނުގައި.. ދެން ފުޓުބޯޅަ ކުރި އަރާނެވަރުވިސްނާލާ..ބައްސާމް އިސްތިއުފާ!!!!