އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ ކަޓުވާލުމަށްފަހު އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ އާސެނަލުން ހޯދައިފި އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗު އާސެނަލް ކާމިޔާބުކުރީ 2-0 އިންނެވެ.

ކުރިން ސިޓީގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި މިކެލް އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލުން ރޭ ސިޓީއާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކިއިރު ޕެޕް ގާޑިއޯލާގެ ޓީމު ކޮޅަށް އާސެނަލުން ޖެހި ދެ ގޯލް ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމެޔާން އެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ނިކޮލަސް ޕެޕޭ ނަގައިދިން ހުރަހެއް އޮބާމެޔާން ފޮނުވާލުމުން އެ ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގަ ޖެހިފަ އެވެ.

އާސެނަލްގެ ދެ ވަނަ ގޯލް މެޗުގެ 71 ވަނަ މިނެޓުގައި އޮބާމެޔާން ޖެހީ ޑިފެންޑަރު ކިއެރަން ޓިއާނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ. މިއީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އާސެނަލަށް ބަދަލުވުމަށްފަހު އޭނާ އެ ކްލަބަށް ކާމިޔާބުކޮށްދިން 66 ވަނަ ގޯލެވެ.

ސިޓީގެ މައްޗަށް އާސެނަލުން ރޭ ފުރިހަމަ މޮޅެއް ހޯދިއިރު މީގެ ކުރިން ކުޅުނު ހަތް މެޗުން ވެސް އާސެނަލް ވަނީ ސިޓީ އަތުން ބަލިވެފައެވެ.

ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގައެއް އާސެނަލުން ކަށަވަރުކުރިއިރު އެޓީމަކީ މި މުބާރާތުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ޓީމެވެ. އާސެނަލް އަށް މި ޝަރަފް ލިބެނީ 13 ތައްޓާ އެކުއެވެ. އާސެނަލާ އެންމެ ގާތުން ވާދަކުރަނީ 12 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ މެންޗެސްޓަ ޔުނައިޓެޑެވެ.

އާސެނަލާ ދެކޮޅަށް ފައިނަލުގައި ނުކުންނަ ޓީމެއް އެނގޭނީ މިރޭ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރާ ދެ ވަނަ ސެމީ މެޗައް ފަހުއެވެ. މި ދެޓީމު ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 10:00 ގަ އެވެ. އެފްއޭ ކަޕްގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.