ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ބަލިނުވެ ދަމަހައްޓަމުން އައި ސިލްސިލާ އަށް މިރޭ ނިމުން އަތުވެއްޖެއެވެ.

ބާސާގެ ބަލިނުވުމުގެ ސިލްސިލާ އަށް ނިމުން އަައީ މިރޭ ލެވާންޓޭއާ ބައްދަލުކޮށް 4-5 އިން ބަލިވުމާ ގުޅިގެންނެވެ.

ބާސާ އިން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާއިރު އެ ޓީމު އެއް ވަނައިގައި އޮތީ 90 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 78 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑް އޮތްއިރު 75 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.

މިއީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސާ ބަލިވި ފުރަތަމަ މެޗަށްވާއިރު އެޓީމު ވަނީ ލީގުގައި ބަލިނުވެ 36 މެޗު ހަމަކޮށްފައެވެ. މިއީ ސްޕެނިޝް ލީގުގެ އާ ރެކޯޑެކެވެ.

ލެވާންޓޭގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ބާސާގެ އެންމެ މުހިއްމު ކުޅުންތެރިއާ ކަމަށް ލިއޮނަލް މެސީ ކުޅެފައެއް ނުވެއެވެ.

ލެވާންޓޭގެ ފަރާތުން ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު ނުވަ ވަނަ މިނެޓްގައި ބޯޓެންގް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 30 ވަނަ މިނެޓްގައި ލެވާންޓޭގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ބޯޓެންގްއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ކުޓީނިއޯ ވަނީ ގޯލެއް ކާމިޔާބުކޮށް ބާސާ އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ލެވާންޓޭ އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު އެނިސް ބާދީ ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން ލެވާންޓޭގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ ބޯޓެންގް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި ދެ ގޯލަށްފަހު ވެސް ލެވަންޓޭ އިން ދިޔައީ ބާސާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 56 ވަނަ މިނެޓްގައި ބާދީ ވަނީ އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ލެވާންޓޭ އިން ފަސްވަނަ ގޯލު ކާމިޔާބުކުރިތާ ތިން މިނެޓްފަހުން ކުޓީނިއޯ ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ފަސް މިނެޓްފަހުން ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ކުޓީނިއޯ ހެޓްރިކް ހެދިއިރު އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. ސުއަރޭޒް ކާމިޔާބުކުރި މި ގޯލަކީ ބާސާ އަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެކެވެ.

މި ގޯލަށްފަހު ނަތީޖާ އެއްވަރުކުރަން ބާސާ އިން ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ނަތީޖާ އެއްވަރުކޮށްލަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސުއަރޭޒް އަށް ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

ލީގުގައި ބާސާ އިން ބަލިނުވެ ދަމަހައްޓަމުން އައި ސިލްސިލާ އަށް ނިމުން އައިސްފައިވާއިރު ލީގުގައި އެޓީމަށް ދެން ބާކީ އޮތީ އެންމެ މެޗެކެވެ. އެ މެޗުގައި ބާސާ އިން ނިކުންނާނީ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕޮފުބާ

    الله اكبر

  2. 3ނިރު

    الله اكبر الله اكبر الله اكبر ބަލިވެއްޖެ ދޯ

  3. ހަސަނާ

    ހެޕީސްޓް ޑޭ އޮފް މައި ލައިފް