އެންމެ ދެރަވަނީ އާޖެންޓީނާގެ ގައުމީ ޓީމާއި އެކު މުބާރާތެއް ކާމިޔާބު ނުކުރެވުމުން ކަމަށް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ބުނެފިއެވެ.

ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މެސީ ބުނެފައިވަނީ ކުލަބު ފެންވަރުގައި ކާމިޔާބީތައް ހޯދުން ނަމަވެސް ގައުމީ ފެންވަރުގައި ކާމިޔާބީތައް ނުލިބުމަކީ ލިބޭ ހިތް ދަތި ކަމެއް ކަމުގައެވެ. އާޖެންޓީނާއާއި އެކު ވޯލްޑް ކަޕް ކާމިޔާބު ކުރަން ބޭނުންވާކަމަށް ބުނަމުން މެސީ ބުނެފައިވަނީ މިއަހަރުގެ ވޯލްޑް ކަޕަކީ އޭނާގެ އުންމީދު ހަގީގަތަކަށް ހެދުމަށް މުހިންމު އަހަރެއް ކަމަށެވެ.

މެސީއަށް ގައުމީ ފެންވަރުގައި ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައިނުވާއިރު އޭނާ ވަނީ 2005 ވަނަ އަހަރު ފީފާ ވޯލްޑް ޔޫތު ޗެމްޕިއަންޝިޕް ހޯދި އާޖެންޓީނާގެ ޓީމަށް ކުޅެދީފައެވެ.

2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރިއިރު ފައިނަލްގައި އެޓީމު ވަނީ ޖަރުމަނު އަތުން ބަލިވެފައެވެ.

ކުލަބު ފެންވަރުގައި ހުރިހާ ކާމިޔާބީއެއް ހޯދައިފައިވާ މެސީ އަކީ ދުނިޔޭގެ ގިނަ ބައެއްގެ ނަޒަރުގައި ފުޓްބޯޅައިގެ ރަސްގެފާނެވެ.

މިއަހަރުގެ ސީޒަންގައި މެސީ އަންނަނީ ތަފާތު މޮޅު ކުޅުމެއް ކުޅެމުންނެވެ. އެހެންކަމުން މެސީ މިހާރު ހުރި ފޯމުގައި ވޯލްޑްކަޕުގައި ކުޅެފިނަމަ އާޖެންޓީނާއަށް ވޯލްޑްކަޕް ކާމިޔާބު ކުރަން ފަސޭހަ ވާނެ ކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.