މި ސީޒަނުގެ ސްޕެނިޝް ލީގުގައި ކުޅުނު ފަހު މެޗުގައި ވިޔަރެއާލްއާ ބައްދަލުކޮށް 2-2 އިން ރެއާލް މެޑްރިޑް އެއްވަރުވެއްޖެއެވެ.

ރޭގެ ނަތީޖާއާއެކު ރެއާލް އިން މިފަހަރު ލީގު ނިންމާލީ 76 ޕޮއިންޓާ އެކު ތިންވަނައިގައި އޮވެއެވެ. ލީގުގެ ދެވަނަ މަގާމު އެތްލެޓިކޯ މެޑްރިޑުން ހޯދިއިރު ލީގު ޗެމްޕިއަންކަން މިފަހަރު ހޯދީ ބާސެލޯނާ އިންނެވެ.

ވިޔަރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 11 ވަނަ މިނެޓްގައި ގެރެތް ބޭލް ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 32 ވަނަ މިނެޓްގައި ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ދެ ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ރެއާލް އިން ވަނީ ތަނަވަސްކޮށްފައެވެ.

ނަމަވެސް ރެއާލް އިން ފޮނުވާލި އެ ހަމަލާތައް ދިފާއުކުރުމުގައި ވިޔަރެއާލްގެ ކީޕަރުގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ރެއާލް އިން ނިންމާލިއިރު މެޗުގެ 70 ވަނަ މިނެޓްގައި މާޓިނޭޒް ވަނީ ވިޔަރެއާލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ މެޗުގެ 85 ވަނަ މިނެޓްގައި ކަސްޓިލޭހޯ ވަނީ ވިޔަރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގު ޗެމްޕިއަންކަން ރެއާލް އިން ހޯދިއިރު މި ސީޒަނުގައި އެޓީމަށް ލިބެން މިހާރު އޮތީ ޗެމްޕިއަންސް ލީގު އެކަންޏެވެ. އެގޮތުން އެ މުބާރާތުގެ ފައިނަލްގައި ރެއާލް އިން ނިކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ.

އެ މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.