އިޓާލިއަން ލީގުގައި މިމަހުގެ ހަތަރުވަނަ ދުވަހު ނާޕޯލީއާ ޔުވެންޓަސް ކުޅެން އޮތް މެޗަށް ނާޕޯލީގެ ޓިމުން ހާޒިރުނުވުމުން އެގައުމުގެ ލީގުން އަދަބެއްގެ ގޮތުގައި ނާޕޮލީ މެޗުން ބަލިވިކަމަށް ނިންމާ އެއް ޕޮއިންޓް އުނިކޮށްފިއެވެ.

ނާޕޯލީއަށް މެޗަށް ހާޒިރުނުވެވުނީ އެޓީމުގެ ދެ ކުޅުންތެރިއެއްގެ އިތުރުން އެއް ކޯޗިންގް ސްޓާފް ކޮވިޑް-19ށް ފައްސިވުމާއި ގުޅިގެން އިޓަލީގެ ޓުރިން އަށް އެތެރެވުމަށް އެ ސިޓީގެ ސިއްހީ އިދާރާތަކުން ހުރަސް އެޅުމާއި ގުޅިގެންނެވެ.

ނާޕޯލީއަށް މެޗަށް ހާޒިރުނުވެވުނު ނަމަވެސް ޔުވެންޓަސް ވަނީ މެޗު ކުޅުމަށް ދަނޑަށް ހާޒިރުވެފައެވެ. މެޗު ކެންސަލްކޮށް ކަށިގަނޑު ފުމުނީ މެޗު ފެށުމަށް ކަށިގަނޑު ފުމުނުތާ 45 މިނެޓު ފަހުންނެވެ. ނާޕޯލީގެ ކޯޗް ގަޓޫސޯ މެޗު އަލުން ކުޅޭނެކަމުގެ އުންމީދުގައި ހުރިނަމަވެސް ލީގުގެ އިސްވެރިން ނިންމީ މިހާތަނަށް ހެދިފައިވާ ޤަވާއިދުގަި އަދި މިކަހަލަ ހާއްސަ ހާލަތަކަށް ރިއާޔަތްކޮށް މެޗު އަލުން ތާވަލުކުރުމުގެ އަމުރެއް ނެރެވޭނެ އެއްވެސް ހަމައެއް ނެތްކަމަށެވެ.

އަދި ނާޕޯލީން މަސައްކަތް ކުރިނަމަ މެޗަށް ހާޒިރުވެވޭނެ ކޮންމެވެސް ގޮތެއް ހޯދުނީސް ކަމަށާއި މެޗަށް ހާޒިރުނުވުމަށް އެޓީމުން މާކުރިން ނިންމާފައިވާކަން އެނގޭކަމަށް އެ ގައުމުގެ ލީގުގެ އިސްވެރިން ވަނީ ބުނެފައެވެ. މި ނިންމުމާއެކު ނާޕޯލީން ވަނީ ކޯޓް އޮފް އާބިޓްރޭޝަން އަދި އިޓަލީގެ ކުޅިވަރާ ބެހޭ އެންމެ މަތީ ފަރާތް ނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ އޮފް އިޓަލީ (ކޯނީ) އަށް މި މައްސަލަ ހުށަހަޅާނެކަމަށް ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން ޔުވެންޓަސްގެ ރައީސް އަންދްރެއާ އެގްނަލީވަނީ މެޗުން މޮޅުވީ ޔުވެންޓަސް ކަމާއި ކޮންމެ ކަމެއްގައިވެސް އުސޫލުތަކަކާއި ހަމަތަކެއް އޮންނާނެ ކަމަށާއި އެ އުސޫލުތަކުގެ ދަށުން ޔުވެންޓަސް މެޗުން މޮޅުވިކަމަށް ބަލާ ތިން ޕޮއިންޓް އެ ޓީމަށް ދިނުން ހައްގުކަމަށެވެ.

މި ނިންމުމާއެކު އިޓާލިއަން ލީގުގެ ޕޮއިންޓް ތާވަލަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ކުޅުނު 3 މެޗުން ލިބުނު 7 ޕޮއިންޓާއެކު ޔުވެންޓަސް ތާވަލުގެ ހަތަރުވަނައިގައި އޮތްއިރު ތިން މެޗުން ލިބުނު 5 ޕޮއިންޓާއެކު ނާޕޯލީ ވަނީ ތާވަލުގެ އަށްވަނަ އަށް ވެއްޓިފައެވެ. ދެ މެޗުން މޮޅުވެ 6 ޕޮއިންޓް ލިބުނު ނަމަވެސް އުނިކުރި ޕޮއިންޓުގެ ސަބަބުން އެޓީމަށް ލިބިގެންދަނީ 5 ޕޮއިންޓެވެ.