ކޮވިޑު ޖެހުމާއި ގުޅިގެން އެކަހެރިވެގެން ތިބި ދެ ކުޅުންތެރިން ކަމަށްވާ ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އާއި ސެނެގާލްގެ ފޯވާޑް ސަޑިއޯ ބަލިން ރަނގަޅުވެ ލިވަޕޫލުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

މި ދެ ކުޅުންތެރިންގެ ތެރެއިން ތިއާގޯ ބައްޔަށް ފައްސިވީ މިދިޔަ މަހުގެ 29 ގައެވެ. އަދި އޭގެ ދެދުވަސް ފަހުން މާނޭ ވެސް ކޮވިޑަށް ފައްސިވިއެވެ. މި ދެ ކުޅުންތެެރިންވެސް ފައްސިވުމާއެކު ވަނީ ޓީމުން އެކަހެރިކޮށްފައެވެ. މި ދެ ކުޅުންތެރިން ކޮވިޑަށް ފައްސިވިކަން އެނގުނީ އާންމުގޮތެއްގައި ހަދަމުން އަންނަ ޓެސްޓުތަކުންނެވެ.

ރިޕޯޓުތައް ބުނާގޮތުން މި ދެ ކުޅުންތެރިންގެ ކިބައިންވެސް ކޮވިޑުގެ ލުއި އަލާމާތްތަކެއް ކުރީކޮޅުގައި ފެނުނެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ ރަނގަޅުވިއެވެ.

މާނޭ އާއި ތިއާގޯ ނުލާ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން އެސްޓަން ވިލާއާ ދެކޮޅަށް ނުކުތްއިރު، އެ މެޗުން ލިވަޕޫލް ވަނީ ލަދުވެތިގޮތަކަށް 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. މިއީ 1963 ވަނަ އަހަރުގެ އޭޕްރީލް މަހަށްފަހު ލިވަޕޫލް ކޮޅަށް ހަތް ލަނޑު ވަން ފުރަތަމަ މެޗެވެ.

އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ޑާބީ މެޗުގައި އެވަޓަނާ ދެކޮޅަށް ކުޅޭއިރު މި ދެ ކުޅުންތެރިން އެ މެޗުގައި ފެނުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލް އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާއެކު އޮތީ އެވަޓަން އެވެ.