ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެރޭ ލީގުގެ ގަދަ ދެ ބާރު ކަމަށްވާ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އާއި ބާސެލޯނާ ވެސް ބަލިވެއްޖެއެވެ.

މެޑްރިޑުގެ އަލްފްރެޑޯ ޑި ސްޓެފަނޯ ދަނޑުގައި ރެއާލް މެޑްރިޑާއި މިއަހަރު ލަލީގާއަށް އަލަށް ޕްރޮމޯޓުވި ކަޑީޒް ވާދަކުރި މެޗުން ރެއާލް ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ކަޑީޒް އިން ރެއާލްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުން ދިޔައިރު މެޗުގެ ފުރަތަމަ ދެ މިނެޓު ތެރޭގައި ކަޑީޒް ވަނީ ރެއާލްގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ރެއާލްއަށް ކުޅެމުން އަންނަ ޖަރުމަނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޓޮނީ ކްރޫޒް ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ހެދުނު ގޯހެއްގެ ފައިދާ ނަގާ ކަޑީޒްގެ ފޯވާޑް އަލްވާރޯ ނެގްރެޑޯ ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު ހުރަސްކޮށް ގޯލްގެ ތެރެއަށް ވަންނަން ދަނިކޮށް ހުރަސް އެޅީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސްއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ކަޑީޒްއަށް ކާމިޔާބުކޮށްދިނިނީ އެންތޮނީ ލޮޒާނޯއެވެ. މިއީ ނެގްރެޑޯ ބޮލުން ދިން ރީތި ޕާހެއް ރެއާލްގެ ކީޕަރު ބޯމަތިން ކަހަލަ ގޮތަކަށް ފޮނުވާލައިގެން ކާމިޔާބުކުރި ރީތި ލަނޑެކެވެ. މި ލަނޑުގެ ކުރިންވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ކަޑީޒް ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ، އެހެންނަމަވެސް ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ރެއާލްގެ ބެލްޖިއަމް ކީޕަރު ތިބޮއު ކޯޓުއާގެ އެވެ.

ރެއާލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނު މި މެޗުގައި އެކަށީގެންވާ ވަރުގެ ރަނގަޅުކުޅުމެއް ފެނިގެންދިޔައީ ހަތަރު ކުޅުންތެރިއެއްގެ ފަރާތުންނެވެ. ކީޕަރު ކޯޓުއާ އާއި ޑިފެންޑަރުންގެ ތެރެއިން ރާމޯސް އާއި ރަފައެލް ވަރާންގެ ފަރާތުން ކަޑީޒްގެ ގިނަ ހަމަލާތަކަކަށް ހުރަސްއަޅާ ލީޑު ފުޅާކުރުމުގެ ފުރުސަތު ނުދިން އިރު ފޯވާޑް ލައިނުން އެދެވޭ ވަރުގެ ކުޅުމެއް ދެއްކީ އިތުބާރު ފޯވާޑް ކަރީމް ބެންޒީމާއަށް އެކަންޏެވެ. ޒުވާން މިޑްފީލްޑަރުން ކަމުގައިވާ އިސްކޯ އާއި ލޫކަސް ވަސްކުއޭޒްގެ ފަރާތުން ވަރަށް ދަށް ކުޅުމެއް ފެނިގެންދިޔައިރު ތަޖުރިބާކާރު ދެ މިޑްފީލްޑަރުން ކަމަށްވާ ޓޮނީ ކްރޫޒް އާއި ލޫކާ މޮޑްރިޗްގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ނުފެނެއެވެ.

ލީގުގައި ބާސާއިން ގެޓާފޭގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީވެސް 0-1ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ބާސާއިން ވަނީ ހާފު ނިމެން ކައިރިވެފައިވަނިކޮށް މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. ގިނަ ހަމަލާތަކެއް ގެޓާފޭގެ ގޯލާ އަމާޒުކޮށް ބާސާގެ ކުޅުންތެރިން ފޮނުވާލި ނަމަވެސް ގޯލްގެ ތިން ދަނޑިން އެތެރަށް ބޯޅަ ފޮނުވާލެވޭވަރެއް ނުވިއެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ބާސާގެ ތަރި ލިއޮނެލް މެސީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. އަދި މެޗުގެ 30 ވަނަ މިނެޓުގައި އިތުބާރު ފޯވާޑް އެންޓޮއިން ގްރީޒްމަންއަށް ލިބުނު ހުސް ފުރުސަތުވެސް ފާހަގަކޮށްލެވެއެވެ. ކައުންޓަރ އެޓޭކެއްގައި ލިބުނު ފުރުސަތެއްގައި ގްރީޒްމަން މުޅިން ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުވާ ވަރަށްވުރެ މާ މަތިން ބޭރަށެވެ.

މެޗުގައި ގެޓާފޭއިން ޖެހި ހަމައެކަނި ލަނޑު އަދި މެޗުގައިވެސް ފެނިގެންދިޔަ ހަމައެކަނި ލަނޑު 56 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖައިމް މަޓާއެވެ. މިއީ އޭރިއާ ތެރެއިން ޑްޖޭން އަށް ބާސާގެ އުންމީދީ މިޑްފީލްޑަރު ފްރޭންކީ ޑި ޖޮންގް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާއެކު ކުޅުނު ފަސް މެޗުން ހޯދި ދިހަ ޕޮއިންޓާއެކު ރެއާލް އޮތީ ތާވަލްގެ އެއްވަނައިގައެވެ. އަދި ބާސާ އޮތީ ކުޅުނު 4 މެޗުން 7 ޕޮއިންޓާއެކު ތާވަލުގެ 9 ވަނައިގައެވެ.

ދުނިޔޭގެ ފުޓުބޯޅައަށް ލޯބިކުރާ ގިނަބަޔަކު އިންތިޒާރުކުރާ އެލް ކްލަސިކޯ މެޗުގައި މި ދެ ޓީމު މިމަހުގެ 24 ވާ ހޮނިހިރު ދުވަހު ބައްދަލުކުރާނެއެވެ.

ދެ ޓީމު ޖުމްލަ 277 މެޗު ކުޅެފައިވާއިރު ބާސެލޯނާ ވަނީ އޭގެ ތެރެއިން 115 ފަހަރު މޮޅުވެފައެވެ. އަދި އެލް ކްލަސިކޯގެ މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު އޮތީ ބާސާގެ މިހާރުގެ ކެޕްޓަން ލިއޮނެލް މެސީގެ އަތުގައެވެ. އޭނާވަނީ އެލް ކްލަސިކޯގައި ޖުމްލަ 26 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެލް ކްލަސިކޯގައި އެންމެ ބޮޑު ތަފާތަކުން މޮޅުވެފައިވަނީ ރެއާލް މެޑްރިޑެވެ. އެޓީމު ވަނީ 1943 ވަނަ އަހަރު ކޮޕާ ޑެލްރޭގައި ވާދަކުރި މެޗެއްގައި 1-11 ގެ ބޮޑު ފަރަގަކުން ބާސާ ބަލިކޮށްފައެވެ.