ސައުތެމްޓަން އަތުން 3-3 އިން އެއްވަރުވި މެޗަކީ ޗެލްސީއަށް މޮޅުވެވޭނެ މެޗެއް ކަމަށާއި މިއީ އަމިއްލައަށް ގެއްލުވާލި ތިން ޕޮއިންޓުކަމަށް ބުނެ އެކަމުގެ ޒިންމާ ނަގާ ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މި ދެ ޓީމު ބައްދަލުކުރި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ލަމްޕާޑް ބުނީ މި މެޗުން އެ ޓީމަށް ތިން ޕޮއިންޓު ނުލިބުނީ ދެވަނަ ހާފުގައި ދަށް ކުޅުމެއް ޗެލްސީން ދެއްކުމުން ކަމަށެވެ. އަދި ޗެލްސީއަށް ކުޅެވުނީ ފުރަތަމަ 40 މިނެޓް ކަމަށްވެސް ލަމްޕާޑު ބުންޏެވެ .މެޗުގެ ފުރަތަމަ 40 މިނެޓުގެ ތެރޭގައި ސައުތެމްޓަން ކޮޅަށް ޗެލްސީން ވަނީ ދެ ގޯލު ޖަހާފައެވެ.

"އަހަރެމެން މާ ބޮޑަށް ޕްރެޝަރަށް ދިޔައީ ދެވަނަ ހާފުގަ، ފުރަތަމަ ހާފުގެ ފުރަތަމަ 40 މިނެޓުގައި ވަރަށް ރަނގަޅު، މިއީ މި ސީޒަނުގައި ޗެލްސީގެ އެންމެ ދަށް ކުޅުން، ރަނގަޅުކުރަން ޖެހޭ ގިނަ ކަންކަން އެބަހުރި" ލަމްޕާޑު ބުންޏެވެ.

ލަމްޕާޑު ބުނީ ލީގުގައި ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުންކަމުގައި ވާނަމަ އެވަރަށް މަސައްކަތްކުރަން ޖެހޭނެކަމަށެވެ. އަދި އެއީ ކޮންމެ ކުޅުންތެރިއެއްގެ ވެސް ޒިންމާ ކަމަށްވެސް ބުންޏެވެ. އަދި ޑިފެންލައިނުން ހަދާ ގޯސްތައް ތަކުރާރު ނުވާނެކަމަށް އުއްމީދުކުރާ ކަމަށްވެސް ލަމްޕާޑު ބުންޏެވެ.

ޗެލްސީގެ ދަނޑުގައި މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ޗެލްސީއަށް ބަދަލުތަކެއް ބޭނުންވާކަމަށް ބުނެ ގިނަ ސަޕޯޓަރުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ. ހާއްސަކޮށް އެ ޓީމުގެ ފަހަތުން ހަދާ ގޯސްތައް އިތުރުވުމާއެކު ގިނަބައެއްގެ ފާޑުކިޔުން ކުލަބުގެ ބޯޑަށް ދަނީ އަމާޒުކުރަމުންނެވެ