މެންޗަސްޓަރ ޔުނައިޓެޑުން އެޓީމުގެ ދެ މިޑްފީލްޑަރުން ކަމަށް ޕައުލް ޕޮގްބާ އާއި ބްރޫނޯ ފެނާންޑޭސް އަށް ބަރޯސާ ވަނީ މާ ބޮޑަށް ކަމަށާއި އެކަން އެއީ މައްސަލައެއް ކަމަށް ކުރިން އެޓީމަށް ކުޅުނު ފްރާންސްގެ ފޯވާޑް ލުއިސް ސާހާ ބުނެފިއެވެ.

ސާހާ ބުނީ ޔުނައިޓެޑުން މިސީޒަން ފެށިފަހުން މި ދެ ކުޅުންތެރިންނަށް މާބޮޑަށް ބަރޯސާވާން ފަށާފައިވާ ކަމަށާއި އެކަން ހުއްޓާލަން ޖެހޭކަމަށެވެ. އަދި މިކަމުގެ ސަބަބުން ޓީމުގެ ފަހަތަށް މެޗުތަކުގައި ވަރަށް ބޮޑަށް ބާރުބޮޑުވެ ޓީމުގެ ޑިފެންސްލައިނާއި ގޯލްކީޕަރު ދެރަކަމަށް ދައްކާކަމަށެވެ. މި ދެ ކުޅުންތެރިންނަކީވެސް އެޓޭކިންގް ވިސްނުމުގެ ދެ ކުޅުންތެރިންކަމުން ޓީމުގެ ފަހަތަށް އަންނަ ބޯޅަތައް ދިފާއުކުރުމުގައި މި ދެ ކުޅުންތެރިންގެ ދައުރެއް ނުފެންނަކަމަށްވެސް ސާހާ ވަނީ ބުނެފައެވެ.

މި ސީޒަނުގައި ޔުނައިޓެޑަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އެޓީމު ކޮޅަށް މި ސީޒަނުގައި 12 ލަނޑު ވަނީ ވަދެފައެވެ. އޭގެތެރެއިން ހަ ލަނޑަކީ ޕްރިމިއަރ ލީގުގައި ޔުނައިޓެޑުން ޓޮޓެންހަމާއި ދެކޮޅަށް ކުޅުނު މެޗުގައި އެޓީމު ކޮޅަށް ވަދެފައިވާ ހަ ލަނޑެވެ. އަދި ހަތަރު މެޗު އެޓީމުން ކުޅެފައިވާއިރު ހޯދިފައިވަނީ އެންމެ ހަ ޕޮއިންޓެވެ.

ސާހާ މިހެން ބުނި ނަމަވެސް ސީޒަން މެދުކަނޑާލުމަށްފަހު އަލުން ކުޅުން ފެށިފަހުން އަދި މި ސީޒަން ފެށިފަހުންވެސް ޔުނައިޓެޑުން ކާމިޔާބުކުރާ ގޯލުތަކުގައި އާއި އެޓީމުން އުފައްދާ ހަމަލާތަކުގައި އެޓީމަށް ކުޅޭ ޕޯޗުގަލް ކުޅުންތެރިންގެ ދައުރު ވަރަށް ބޮޑެވެ. އެޓީމުން މި ސީޒަނުގައި ޕްރިމިއަރ ލީގުގައި ނުވަގޯލު ކާމިޔާބުކޮށްފައިވާއިރު ފެނާންޑޭޒް ވަނީ އޭގެ ތެރެއިން ތިން ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި އިތުރު ދެ ގޯލް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީވެސް އޭނާއެވެ. ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ފްރާންސްގެ ޕައުލް ޕޮގްބާއަށް މިސީޒަނުގެ ޕްރިމިއަރ ލީގުގައި ޓީމަށް ލަނޑެއް އަދި އެސިސްޓެއް ނެތްއިރު ޓީމުން އުފައްދާ ހަމަލާތަކުގައި ބޮޑު ދައުރެއް އޭނާ އަދާކުރެއެވެ.

މީގެއިތުރުން އޭނާ ބުނީ ވަކިވަކި ކުޅުންތެރިންނަށް ބަރޯސާވުން ހުއްޓާލާ ޓީމެއްގެ ގޮތުގައި ޔުނައިޓެޑު ކުޅެފިނަމަ މިރޭ ޗެމްޕިއަންސް ލީގުގައި އެޓީމުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި ދެކޮޅަށް މޮޅުވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށެވެ. ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލްވެސް ވަނީ ޓީމެއްގެ ގޮތުގައި ޔުނައިޓެޑު ކުޅެ އުފައްދާ ހަމަލާތައް ނުހުއްޓުވިއްޖެ ނަމަ މެޗުން މޮޅުވުމަށް ޕީއެސްޖީއަށް އުނދަގޫވާނެ ކަމަށް ބުނެފައެވެ.

19-2018 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މި ދެޓީމު ކުޅެގެން 1-3 އިން ޔުނައިޓެޑުން ޕީއެސްޖީގެ މައްޗަށް ވަނީ ކުރިހޯދާފައެވެ. މިރޭ މިދެޓީމު ކުޅޭ މެޗު ޕީއެސްޖީގެ ދަނޑުގައި ކުޅޭއިރު މެޗު ފަށާނީ މިރޭ 00:00 ގައެވެ.